ޚަބަރު

މުވައްޒަފުންނަށް ހުޅުވާލި ފްލެޓްތަކަށް 2161 ފަރާތުން ކުރިމަތިލި


ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްޞަކޮށްގެން އިމާރާތްކުރާ 1000 ސޯޝަލް ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު 16 އޮފީހަކުން 2161 މުވައްޒަފުން ފޯމް ހުށަހަޅާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.

މި 1000 ހައުސިންގ ޔުނިޓް ޚާއްސަކޮށްފައިވަނީ ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ މުވައްޒަފުންނަށެވެ. މި ހައުސިންގ ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 3 ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ކެޓެގަރީ އެކެއްގައި ހިމެނެނީ ފަންނީ އަދި މެނޭޖީރިއަލް ލެވެލްގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުންނެވެ. ކެޓެގަރީ އެކަކަށް ޚާއްސަ ކޮށްފައިވަނީ 300 ހައުސިންގ ޔުނިޓެވެ.

ދެވަނަ ކެޓެގަރީ އިދާރީ މުވައްޒަފުންގެ ގޮތުގައި ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޚާއްސަކޮށްފައިވާއިރު، މި ކެޓެގަރީއިންވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ 300 ހައުސިންގ ޔުނިޓެވެ. ތިން ވަނަ ކެޓެގަރީ ޚާއްސަކޮށްފައިވަނީ ސަޕޯޓް ސަރވިސް ލެވެލްގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށެވެ. މި ކެޓެގަރީން ޖުމްލަ 400 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

ޕޮއިންޓް ދިނުމުގައި އެ މުވައްޒަފެއްގެ ތަޢުލީމީ ފެންވަރަށާއި، ސިވިލް ސަރވިސްގައި ހޭދަކޮށްފައިވާ މުއްދަތަށް އިސްކަމެއްދޭނެކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ އޭޕްރީލްމަހުގެ ނިޔަލަށް މި 1000 ހައުސިންގ ޔުނިޓަށް ހޮވިފައިވާ ފަރާތްތަކުގެ ފައިނަލް ލިސްޓު އާއްމުކޮށް، އެގްރީމެންޓުގައި ސޮއިކުރުމެވެ. އަދި މިތަންތަން ދޫކުރާނީ މުވައްޒަފުންގެ މުސާރައިން ވިހާވެސް ލުއިގޮތެއްގައި ފައިސާ ދެއްކޭނެ އުސޫލަކުންކަމަށް އެ މިނިސްޓްރީން ބުނެއެވެ.