ޚަބަރު

"ހިޔާ" މަޝްރޫގެ އަމަލީ މަސައްކަތް އެމްއޭސީއެލުން ފަށައިފި


"ހިޔާ" މަސްރޫޢުގެ ދަށުން މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން އިމާރާތްކުރާ ފްލެޓްތަކުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސްރޫޢު ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާއާއި، އެކުންފުނީގެ އެކި ސެކްޝަންތަކުގެ ސީނިއާ ސްޓާފުންނެވެ.

ހިޔާ މަޝްރޫޢަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާދެއްވާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެދަށުން ކުންފުނިތަކަށް ޢަމާޒުކޮށްގެން 36ޓަވަރު ޢިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ.

ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢު "ހިޔާ"ގެ ދަށުން މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް އަށް ސަރުކާރުން ދީފައިވާ 2 ޓަވަރުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއެކުގައެވެ. "ހިޔާ" މަސްރޫގެ ދަށުން އެމްއޭސީއެލް އިން އިމާރާތްކުރާ 2 ޓަވަރަކީ 15 ބުރީގެ 2 ޓަވަރެވެ. މި 2 ޓަވަރުތައް އިމާރާތްކުރަނީ 1 ކޮޓަރިއާއި 3 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭގޮތަށް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ހިޔާ މަސްރޫގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތްކުރަނީ މުވައްޒަފުން ބޭނުންވާ ކަންތައްތައް ކޮށްދިނުމަށްކަމަށާ، ހިޔާ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުމަކީ އެ ކުންފުނީގެ މުވައްޒަފުން މިވަގުތަށް އެންމެ އެދޭ ކަންތައްކަމަށެވެ. އެހެންކަމުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުވައްޒަފުންނަށް ފްލެޓްތައް ލިބޭނެގޮތް ހަދާނެކަމަށް އާދިލް ވިދާޅުވިއެވެ. އަދި ފްލެޓްލިބޭ ފަރާތްތަކަށް ފައިސާ ދެއްކުމުގައިވެސް ލުއިފަސޭހަގޮތްތަކެއް ކުންފުނިން ހަމަޖައްސައިދޭނެކަމުގެ އުފާވެރި ޚަބަރު އެމްއޭސީއެލްގެ މުވައްޒަފުންނަށް އާދިލް މޫސާ ވަނީ ދެއްވާފައެވެ.

" އިރާދަކުރެއްވިއްޔާ ހަމަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މުވައްޒަފުންނަށް ފްލެޓްތައް ލިބޭނެގޮތް އަޅުގަނޑުމެން ހާމަކޮށްގެން ކުރިއަށްގެންދާނަނަން. އަދި އޭގެ އިތުރުން އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ މި ލިބޭ ފްލެޓްތައް މުވައްޒަފުންނަށް ލުއިފަސޭހަގޮތެއްގައި ލިބޭނެ ހުރިހާ ކަންތައްތަކެއް ހަމަޖެއްސުމުގެ މަސައްކަތްކުރަމުން. އަޅުގަނޑުމެން އުންމީދުކުރަނީ މި ލިބޭ ފްލެޓްތަކަކީ ފައިނޭންސްގެ ގޮތުން އަޅުގަނޑުމެންނަށް ހަމަ ވަރަށް ރަނގަޅު ގޮތަކަށް ލިބި އަދި އެލިބޭ މަންފާއެއް ހަމަ ތި މުވައްޒަފުންނަށް ބެހިގެންދާނެގޮތަކަށް ވުން" އާދިލް މޫސާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދުގައި އެންމެ މުހިންމު ޙިއްސާއެއް އަދާކުރާ އެއް ތަނަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮންފެނީ ލިމިޑެޓްކަމަށެވެ. މިނިސްޓަރ ވަނީ "ހިޔާ" ޕްރޮޖެކްޓްގެ އެންމެ ފުރަތަމަ ހަޤީގަތަކަށް ހެދޭ 2 ޓަވަރަށް އެމްއޭސީއެލްގެ 2 ޓަވަރު ހެއްދެވުމަށް އެދިވަޑައިގެންފައެވެ.

" އެއަރޕޯޓްގެ ތަރައްޤީގައި ބަދަހިކަން އަންނަންޏާ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ބޭރުގެ ފައިސާ ވަންނަ ނިސްބަތުގެ %85 ހިއްސާ ތިބޭފުޅުން ނޫންތޯއޭތިކުރައްވަނީ؟ އެހެންވީމަ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އެމްއޭސީއެލް ރައީސް ޔާމީނުގެ މި ޕްރޮގުރާމްގައި ފަހަތައް ޖެހެންވީ އެއްވެސް ސަބަބެއް އަޅުގަނޑަށް ހަމަ ވިސްނާ ވިސްނާވެސް ނުފެނުނު. އެހެންވީމަ އަޅުގަނޑު މި އެދުނީ އެންމެ ފުރަތަމަ ހަޤީޤަތަކަށް ހެދޭ ނުވަތަ ހަދާ 2 ޓަވަރަށް މި ޕްރޮޖެކްޓް ހައްދަވައިދެއްވާށޭ." މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

ކުންފުނިތަކުގެ މުވައްޒަފުންނަށް ޢަމާޒުކޮށްގެން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢު "ހިޔާ މަޝާރޫއު"އަކީ ސަތޭކަ ހާސް މީހުންގެ އާބާދީއަކަށް ޢަމާޒުކޮށްގެން ކުރިއަށްގެންދާ ބިޔަ މަޝްރޫޢެކެވެ. އެމްއޭސީއެލްގެ 2 ޓަވަރު އެޅުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން ގުރޫޕާއެވެ. އެމްއޭސީއެލްގައި 2800 މުވައްޒަފުން މަސައްކަތްކުރެއެވެ. މި ޓަވަރުތައް އަޅާނިމުމުން އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ހިޔާ މަޝްރޫޢުގެ ސަބަބުން ސަރުކާރުގެ ގިނަ ކުންފުނިތަކަކާއި، އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އެފަރާތްތަކުގެ ޢާއިލާތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެއެވެ.