ޚަބަރު

ހަމަނުޖެހުން ހިންގުމަށް ފުރުޞަތެއް ނުދޭނަން - ސަލާމަތީ ބާރުތައް


މިމަހުގެ 16 ވަނަދުވަހު މާލެއަށް މީހުން އެއްކޮށް ހަމަނުޖެހުން ހިންގުމަށް ބަޔަކު މަސައްކަތްކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށާ، އެފަދަ އެއްވެސް ކަމަށް ފުރުޞަތެއް ނުދޭނެކަމަށާއި އެފަދަކަމެއް ހިންގަން އުޅޭނަމަ އެބަޔަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ސަލާމަތީ ބާރުތަކުން ބުނެފިއެވެ. 

ފުލުހުންނާއި ސިފައިން ގުޅިގެން އިސްކަންދަރުކޮށީގައި ދިން ބަޔާނެއްގައި ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާނު ވިދާޅުވީ، މިމަހުގެ ސޯޅަވަނަދުވަހު މާލެއަށް މީހުން އެއްކޮށް ހަމަނުޖެހުން ހިންގައި ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަށް ބަޔަކު ރާވާކަން ފުލުހުންގެ އިންޓެލިޖެންސަށް އެނގިފައިވާކަމަށާއި، މިފަދަ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ. ޤައުމުގެ ސުލްޙަ މަސަލަސްކަން ނަގާލަން ބަޔަކު މަސައްކަތްކުރަމުންދާކަން ހާމަކޮށް އޭނާ ވިދާޅުވީ ދާދިފަހުން އައްޑޫސިޓީގެ ދެ ގެެއެއްގައި ބަޔަކު ރޯކޮށްލައިފައިވާކަމަށެވެ. ޝިފާން  ވިދާޅުވީ، މިކަން ކުރި ފަރާތްތައް ހޯދައި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު ބަލަމުންދާކަމަށެވެ. އަދި ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްވެސްކަމެއް ކުރުމުގެ ޖާގަ ފުލުހުންނާއި ސިފައިން ނުދޭނެކަމަށްވެސް ޝިފާން ވިދާޅުވިއެވެ. 

" ޤައުމުގެ ސުލްހަ މަސަލަސްކަން ނަގާލާ ޤައުމު ހަލަބޮލިކޮށް ހަމަނުުޖެހުމަށް ހިއްވަރުލިބޭގޮތަށް އެކިފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް މިފުރުސަތުގައި ދިވެހި ފުލުހުން އިލްތިމާސްކުރަން. އަދި ޤައުމުގެ އަމަން އަމާންކަން ނަގާލާ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމުގެ ނިޔަތުގައި ކުރަމުންދާ ކަންކަމަކީ އެއްވެސް ހާލެއްގައި ފުލުހުން ބަލައިގަންނާނެ ކަމެއް ނޫންކަމުގައިވެސް ދަންނަވަން. އަދި މިފަދަ އެއްވެސް އަމަލެއް ފުލުހުން ޓޮލެރޭޓް ނުކުރާނެ ވާހަކަވެސް ދަންނަވަން. ފުލުހުން އަބަދުވެސް މަސައްކަތް ކުރާނީ އަދި ސާބިތުވެ ތިބޭނީވެސް ޤައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ޤާއިމްކުރުމަށް." ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާނު ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، މިމަހުގެ 16 ވާ ހުކުރު ދުވަހު މާލޭގައި ބާއްވަން ބަޔަކު ރާވަމުންދާ އެއްވުމަކީ ރާއްޖޭގެ ސުލްޙަ މަސަލަސްކަން ނަގާލުމަށް ރާވަމުންދާ ކަމެއް ކަމަށާއި، ރާއްޖޭގެ އަމަން އަމާންކަން ޤާއިމްކޮށް ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ސަމާމަތީ ބާރުތަކުން އަޅާނެކަމަށެވެ. 

" 16 ފެބްރުއަރީގައި މާލޭގައި ބޭއްވުމަށް ގޮވާލަމުންދާ އެއްވުމަކީ މާލޭގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ނަގާލުމުގެ ނިޔަތުގައި ރާވަމުންދާ އެއްވުމެއްކަމަށް މަޢުލޫމާތު ލިބިފައިވާތީ މިގޮވާލުމަށް ދިވެހި ލޮބުވެތި ރައްޔިތުން އިޖާބަ ނުދިނުމަށް އިލްތިމާސްކުރަން. ރާއްޖޭގައި ޤާއިމްވެފައިވާ އަމާންކަން ނަގާލަން އެެއްވެސް ފަރާތަކަށް އެއްވެސް ފުރުޞަތެއް ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި އަސްކަރިއްޔާގެ ފަރާތުން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަން". އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ.

ޤައުމުގެ ސުލްޙަ މަސަލަސްކަން ނަގާލައި ޤައުމު ހަލަބޮލިކޮށް، ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ފުލުހުންނާއި ސިފައިން ވަނީ އިލްތިމާސްކޮށްފައެވެ.