ޚަބަރު

ސިވިލް ސަރވިސްގެ 10 ވަނަ އހަރީ ދުވަހު ޚާއްސަ ހަރަކާތްތަކެއް


ސިވިލް ސަރވިސްއަށް 10 އަހަރު ފުރޭތީ އެދުވަހުގެ މުނާސަބަތުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖައްސައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ބުނީ އެ ދުވަހުގެ މުނާސަބަތުގައި ސިވިލް ސަރިވިސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ޙިއްސާވާގޮތަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. މިކަމުގެ މަޢުލޫމާތު ޙިއްސާ ކުރަމުން ސިވިލް ސަރިވިސް ކޮމިޝަންގެ ރައީސް ޑރ.ޢަލީ ޝަމީމް ވިދާޅުވީ އަހަރީ ދުވަހުގެ މުނާސަބަތުގައި ޤައުމީ ފެންވަރުގެ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. 

ސިވިލް ސަރވިސްގެ އިދާރާތަކުގައި، ރައްޔިތުންނަށް ހުޅުވާލައިގެން އޯޕަން ޑޭ އެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި، އެ އިދާރާގެ އަންހެން މުވައްޒަފުންނާއި، ފިރިހެން މުވައްޒަފުންނަށް ޚާއްސަކޮށްގެން ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށްވެސް ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ. އެގޮތުން ހޭންޑް ބޯލް އާއި ފުޓްސަލް މުބާރާތެއް ބެއްވުމަށް ވަނީ ހަމަޖެހިފައެވެ.  ސިވިލްސަރވިސް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމް ވިދާޅުވީ ސިވިލް ސަރވިސް އިދާރާތަކަށް ޚާއްސަކޮށްގެން އަދަބީ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށާއި، ސިވިލް ސަރވިސް 3 ވަނަ ކޮންފަރެންސް ބޭއްވުމަށް ވެސް ހަމަޖެހިފައިވާކަމަށެވެ. އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުވެސް ސިވިލް ސަރވިސް މުވައްޒަފުންގެ މެދުގައި ބެޑްމިންޓަން މުބާރާތެއް ބެއްވުމަށް ހަމަޖެހިފައިވާކަމަށް އެ އިދާރާއިން ބުނެއެވެ. ސިވިލް ސަރިވިސްގެ ރައީސް ވިދާޅުވީ އެ އިދާރާގެ އަހަރީ ދުވަހާ ގުޅިގެން ޢާއިލީ ހަވީރެއް ބެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

"މި ހަރަކާތް ކުރިއަށް ގެންދިޔުމަށް މިހާރު މިދަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއާ ވާހަކަދައްކަވަމުން. އެއީ މި ހަރަކާތަކީ ޖުމްހޫރީ ފަންސާސް އަދި ސިވިލް ސަރވިސްގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެއް. މި އާއިލީ ހަވީރުގައި ގިނަ ބަޔަކަށް ބައިވެރިވެވޭނެ ގޮތަކަށް، މުނިފޫހި ފިލުވުމގެ ހަރަކާތްތައްވެސް ކުރިއަށްގެންދެވޭނެ ގޮތަށް ރާވަމުން ދަނީ."ޑރ. އަލީ ޝަމީމް ވިދާޅުވިއެވެ.

ސިވިލް ސަރވިސްއަށް 10 އަހަރު ފުރޭނީ މެއި މަހުގެ 1 ވަނަ ދުވަހުއެވެ. 2008 ވަނަ އހަރު އުފެއްދި ސިވިލް ސަރވިސް ކޮމިޝަނަކީ މުސްތަޤިއްލު މުއައްސަސާއެކެވެ. ސިވިލް ސަރިވިސް ކޮމިޝަނަކީ  ވަޒީފާތަކަށް މީހުން ހޯދުމާއި، އައްޔަންކުރުމާއި، ބަދަލުކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި ވަޒީފާއިން  ވަކިކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައަޅާ ކޮމިޝަނެވެ.