ޚަބަރު

16 ގައި މީހުން އައުމަށް ގޮވަނީ ގެއްލުންދިނުމަށް - ޕީޕީއެމް


ފެބްރުއަރީ 16 ވަނަދުވަހު އަތޮޅުތެރެއިން މީހުން މާލެއަރަން އިދިކޮޅު ފަރާތަކުން ގޮވަނީ ރައްޔިތުންގެ ބަޔަކަށް ގެއްލުންތަކެއް ދިނުމަށްކަމަށް ޕީޕީއެމުން ބުނެފިއެވެ. 

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޕާޓީގެ ނާއިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިމަހުގެ ސޯޅަވަނަދުވަހު މީހުން މާލެ އެރުމަށް ގޮވާލަމުންދަނީ ރޭވި ބަޣާވާތް ނާކާމިޔާބުވުމުން ދިވެހިންގެ ބަޔަކަށް އަނެއްކާވެސް އަނިޔާތަކެއް ދިނުމަށްކަމަށެވެ. އެގޮތުން 2012ވަނަ އަހަރު ފެބްރުއަރީ މަހުގެ އަށްވަނަދުވަހު މީހުން މަގުމައްޗަށް ނެރިގެން ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ގެއްލުންވެ އަދަބުތައް ލިބުނު މީހުން އަދިވެސް ތިބީ އެކަމުން ސަލާމަތްނުވެކަން އަބްދުއްރަހީމު ފާހަގަކުރެއްވިއެވެ. އަބްދުއްރަހީމް ވަނީ އެއްވެސް ރައްޔިތަކު މާލެ ނައުމަށް ގޮވާލައްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ ޤައުމުގެ ސުލްހަ މަސަލަސްކަން ނަގާލާ ފަރާތްތަކާއި މެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް ފަސްޖެހުމެއްނެތި މި ސަރުކާރުން އަޅަމުން ގެންދާނެކަމަށެވެ. 

"ހުކުމް ތަންފިޒުކުރުން އެއީ ރައްޔިތުން މަގުމައްޗައް ނިކުންނަންޖެހޭ ކަމެއް ނޫން. ކޮން ހުކުމެއް ތަންފީޒުކުރަން ޖެހޭނީ، މިހާރު ސުޕްރީމްކޯޓުން މެމްބަރުންގެ ގޮނޑި ގެއްލުނުކަމަށްބަލައި، ވާނީ ރައްޔިތުންގެ މަޖިލީހުން އެމެމްބަރުންނަށް މިހާރު މަޖިލީހަށް ހާޒިރުވެވޭނެކަމަށް އަންގާފައި. އެއީ މިހާރު އޮތް ހުކުމަކީ، އޭގެ ކުރީގައި އޮތް ހުކުމް ވަނީ ބާތިލްވެފައި. އެއީ ހުކުމަކީ އެއް ހުކުމުގެ މައްޗައް އަނެއް ހުކުމެއް ކުރީމައި ބާތިލްވާގޮތަށް އޮންނަ ކަމެއް. އެމީހުން ބޭނުންވާނުވާ ގޮތަށް އޮތް ހުކުމެއް ވެއްޖެއްޔާ ބާތިލު އެހެންކަމަށްވަންޏާ ފުރަތަމަ ފެބްރުއަރީމަހު އެއްވަނަ ދުވަހުގެރޭ ނުކުތް ހުކުމަކީ ނިކުތްއިރުވެސް ބާތިލު ހުކުމެއް. އެ ވިދާޅުވާ އެބޭފުޅުން ވިދާޅުވަނީ ސުޕްރީމް ކޯޓްގެ ބެންޗްއިން އެ މައްސަލަ ނިންމީއިރު ތިބި މީހުންނަކަށް އެ މައްސަލައެއް ބާތިލެއް ނުކުރެވޭނެ. އެހެންކަމަށްވަންޏާ ހަމަ އެ ބެންޗް އޮވެގެން ނިންމާފައިހުރި މައްސަލަތައް ބާތިލްކޮށްފައި ފެބްރުއަރީ މަހު އެއްވަނަދުވަހުގެ ހުކުމުގައިވެސް އެހެރީ ގިނަ ކަންކަން ހިމަނާފައި. ދޫކޮށްލަން ބުނެފައިހުރި ގިިނަ މީހުންނަކީ އެއީ ޝަރީޢަތުގެ މަރްޙަލާ ނިމިފައިތިބި މީހުން. ހަމަ އެބެންޗުން އެމައްސަލަ ނިމުނުއިރު މިވެރިންނަށް ކަމުދޭ. އެކަމަކު މިމީހުން ބޭނުންނުވާ ގޮތަކަށް ހުކުމެއް އަތުވެއްޖެއްޔާ ކަމަކު ނުދޭ" އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ހުރިހާ އެންމެން އެކުވެގެން އެކުލަވާލިކަމަށް ބުނާ އިދިކޮޅު އިއްތިހާދު ރޫޅި ބައިބައިވެފައިވާކަމަށެވެ. އެގޮތުން އެ އިއްތިހާދުން ޖުމްހޫރީ ޕާޓީވަކިވިކަން މާދަމާ ޤާސިމް އިބްރާހިމް އިއުލާންކުރަން ތައްޔާރުވެފައިވާކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. 

" ގާސިމް އިބްރާހިމް މާދަމާގެ ވަގުތެއްގައި ވީޓީވީ މެދުވެރިކުރަށްވާ ރާއްޖޭގެ ރައްޔިތުންނާ އެމަނިކުފާނު މިހާރު އަންނިއާ އެކީގައި ކުރަމުންއައި މަޝްވަރާތައް ނިމުމަކަށް އައީ ކަމާއި އަދި އެމަނިކުފާނު އަންނި މި ޖަހާ ސަކަރާތަށް ތާޢީދު ކުރައްވާ މީހެއް ނޫންކަމާއި ދިވެހި ރައްޔިތުންދެކެ ވަރަށް ލޯބިވާ މީހެއްކަމާއި ވަރަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅެއްކަން، މިކަންކަން އިއުލާންކުރުމަށް ސްޓޭޓްމެންޓް ތަށްވެސް ހަދާފަ އޮތީ. އަދި ހަމަ އެޔާއެކީގައި ދިވެހި ސިފައިންނާއި ފުލުހުންނަށް މާ ހެޔޮ އެދިގެންކަމަށް ބުނެ ދިވެހި ސިފައިންނާއި ފުލުހުންގެ ލަޝްކަރު ފޫއަޅުވާލާ އެބައިމީހުންގެ ތެރޭގައި ބައިބައިވުން އުފައްދާ ހަސަދަ ވެރިކަން އުފައްދާ ފިތުނަ ފަސާދަ އުފެއްދުމަށް ގާސިމް އިބްރާހީމް ދަނީ ކެނޑިނޭޅި އެކި ވަސީލަތް ބޭނުންކޮށްގެން މަސައްކަތްކުރަމުން. އަޅުގަނޑަށް ވަރަށް ސާބިތު ކަމާއެކީ ދަންނަވަން ކެރޭ ދިވެހި ސިފައިންނާއި ފުލުހުންގެ ތެރޭގައި އެފަދަ މީހުން ނެތް. ގާސިމް އިބްރާހީމް ބުނާ ގޮތަކަށްވެސް ނަޝީދު ބުނާގޮތަކަށްވެސް މައުމޫނު ބުނާގޮތަކަށްވެސް އިމްރާން ބުނާގޮތަކަށްވެސް އަދި ޢަދުﷲ ރިޔާޒް ބުނާ ގޮތަކަށްވެސް އުމަރު ނަސީރު ބުނާގޮތަކަށްވެސް އެމީހުނެއް ނަހަދާނެ. އެޔަށްވުރެ އެމީހުނަކީ އެމީހުންގެ ވެރިންނަށް ކިޔަމަންވާ ޤައުމަށް ވަފާތެރި ބައެއް. މިވާހަކަތަށް ކެނޑި ނޭޅިދައްކަން މިޖެހެނީ ދިވެހި ރައްޔިތުންގެ މެދުގައި ހަމަޖެހުންކޮށްފައި ބޭއްވުމަށް" އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތަކުން ގުޅިގެން ޕާޓީތަކުގެ ލީޑަރުންގެ ނަމުގައި ކަންކަން ކުރަން ގޮވާލާއިރު އެ ފަރާތަކަކީ ޕާޓީތަކުގެ ލީޑަރުން ނޫންކަން ޕީޕީއެމުން ވަނީ ފާހަގަކޮށްފައެވެ. ޖަލުތަކާއި ޕެރޯލް ގާނޫނަށް 2015ވަނަ އަހަރު ގެނައި އިސްލާހުގައިވަނީ ސިޔާސީ ޕާޓީއެއްވިޔަސް ޖަމްއިއްޔާއެއް ވިޔަސް އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ޙުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެންނުވާކަމަށެވެ.