ޚަބަރު

ފަނޑިޔާރުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަނީ ފަނޑިޔާރު ޢަރީފު


ސުޕްރީމްކޯޓްގެ ފަނޑިޔާރުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފުއާއި ހަވާލުކޮށްފިއެވެ. ސުޕްރީމްކޯޓުން މިއަދު ނެރުނު ސަރކިއުލަރއެއްގައި ވަނީ ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގާފައިވާކަމަށް ޖޭއެސްސީން އެކޯޓަށް އަންގާފައިވާކަމަށެވެ. ސުޕްރީމްކޯޓްގެ  ފަނޑިޔާރުްނެގ މަޖިލީހުގެ ޤަވާޢިދު ބުނާ ގޮތުން އުއްތަމަ ފަނޑިޔާރަށް ޙާޟިރު ނުވޭނަމަ ސުޕްރީމްކޯޓުގެ ފަނޑީޔާރުން މަޖިލީޙުގެ ރިޔާސަތު ބަލަހައްޓަންޖެހޭނީ އެކޯޓްގައި ހުންނެވި އެންމެ ސީނިއަރ ފަނޑިޔާރެއްކަމަށެވެ. 

ސުޕްރީމްކޯޓުން ނެރުނު ސަރކިއުލަރއެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އެކޯޓްގެ ފަނޑިޔާރުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފުކަމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާކަމަށެވެ. އަދި މިއަދުން ފެށިގެން ސުޕްރީމްކޯޓަށް ފޮނުވާ ސިޓީތަކާއި ޑިޕާރޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވާ ސިޓީތަކާއި ލިޔުންތައް އެޑްރެސްކުރަންވާނީ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފުއަށްކަމަށް ސުޕްރީމްކޯޓްގެ ސަރކިއުލަރއެއްގައިވެއެވެ. 

މިހާރު ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ސަސްޕެންޑްކޮށް އޭނާގެ މައްސަލަ ތަހްޤީޤު ކުރުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ނިންމައިައިވަނީ މިމަހުގެ އަށްވަނަދުވަހު އެވެ. 

ޖޭއެސްސީން ބުނީ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ސަސްޕެންޑްކުރަން ނިންމީ ޤައުމަށް ޚިޔާނާތްތެރިވުމާއި، ރިޝްވަތު ހިފުމާއި ޤާނޫނީ ސަރުކާރު ބަޣާވާތަކުން ވައްޓާލަން މަސައްކަތްކުރިކަމުގެ ސާބިތު ހެކި ލިބުމާއި ގުޅިގެންކަމަށެވެ.

ޖޭއެސްސީން ބުނީ ދައުލަތުގެ ތަހުޤީޤީ އިދާރާތަކުން ބަލަމުންދާ މައްސަލައިގައި އެ އިދާރާތަކުން ގޮތެއް ކަނޑައަޅައި ކޮމިޝަނަށް އަންގައި، ކޮމިޝަނުން ގޮތެއް ކަނޑައަޅަންދެން، ޢަބްދުﷲ ސަޢީދު ސަސްޕެންޑްކޮށް ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގަވާފައިވާކަމަށެވެ. ޤައުމީ ސަލާމަތަށް ނުރައްކާވެ ދައުލަތް ހިންގުމަށްދަތިވުމާއެކު، މިމައްސަލަ ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކުރެއްވުމަށްފަހު އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ޢަލީ ޙަމީދާއި ޢަބްދުﷲ ސައީދު ހައްޔަރުކުރީ މި މަހުގެ ފަސްވަނަދުވަހުގެ  ރެއެވެ.