ޚަބަރު

އަމާނާ ތަކާފުލްއިން "100 ކޭ ޝީލްޑް" ތަޢާރަފްކޮށްފި


"ހަންޑްރެޑް ކޭ ޝީލްޑް"ގެ ނަމުގައި އެއް ލައްކަ ރުފިޔާއަށް އިންޝުއަރކޮށްދޭ މުޅިން އައު ޕެކޭޖެއް އަމާނާ ތަކާފުލްއިން ތަޢާރަފްކޮށްފިއެވެ.

މި ޕެކޭޖް ތަޢާރަފްކޮށްފައިވަނީ އަމާނާ ތަކާފުލް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ރިޔާޒެވެ.

ޕަރސަނަލް އެކްސިޑެންޓް ބެނެފިޓް ކަވަރއެއްގެ ގޮތުގައި އަލަށް މި ތަޢާރަފްކުރި "ހަންޑްރެޑް ކޭ ޝީލްޑް" ޕެކޭޖަކީ ސައިކަލު ދުއްވުމުގައި ދިމާވާ އެކްސިޑެންޓެއްގެ ސަބަބުން އެފަރާތަކަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމުގެ ގޮތުން ތަޢާރަފްކުރި ޚިދުމަތެއް ކަމަށް އަމާނާ ތަކާފުލްއިން ބުނެއެވެ.

އިންޝުއަރެންސް ޕެކޭޖާ ގުޅޭ ގޮތުން އަމާނާ ތަކާފުލްގެ ޖެނެރަލް މެނޭޖަރ އިބްރާޙިމް ރިޔާޒް ވިދާޅުވީ، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ޚާއްސަކޮށްގެން އަމާނާ ތަކާފުލްއިން ތަޢާރަފްކުރި ޕެކޭޖް، އޭޕްރިލް މަހުގެ ނިޔަލަށް މޮޓޯ އިންޝުއަރަންސް ނަގާ ފަރާތްތަކަށް ހިލޭ ލިބިގެންދާނެ ކަމަށެވެ.

މި ޕެކޭޖްގެ ދަށުން އެއްގަމު އުޅަނދު ދުއްވަން އިންނަ ފަރާތާއި އޭގެ ފަހަތުގައި އިންނަ ފަރާތަށް އެކްސިޑެންޓުގެ ސަބަބުން ދިމާވާ ދާއިމީ ނުކުޅެދުންތެރިކަމާއި، ފުރާނައަށް ގެއްލުންވާ ފަދަ ކަންކަމުގައި އެހީ ފޯރުކޮށްދެވޭނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"މި ޕެކޭޖް ނަގާ ފަރާތަކަށް، ނަގާ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތައް ކަވަރޭޖު ލިބޭނެ. އިންޝުއަރަންސް ދޫކުރާ ގަރާޖުތަކުންނާއި އަމާނާ ތަކާފުލް ސާވިސް ސެންޓަރުން އެ ޕެކޭޖު ލިބިގެންދާނެ،" ރިޔާޒު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އަމާނާ ތަކާފުލްއިން ވަނީ އެކުންފުނީގެ އިންޝުއަރަންސް އޭޖެންޓުންގެ އަގު ވަޒަންކުރުމުގެ ގޮތުން ހަދާނީފިލައެއްދީފައެވެ. އަމާނާ ތަކާފުލްގެ 12 އެޖެންޓުން މެދުވެރިކޮށް 2017 ވަނަ އަހަރު އެ ކުންފުނިން ވަނީ، 2016 ވަނަ އަހަރާ އަޅާ ބަލާއިރު 132 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.