ޚަބަރު

"ދެރައީ ޣާޒީ، ބާޣީއެއްގެ ގޮތުގައި ތާރީޚްގައި ލިޔަން ޖެހިދާނެތީ"


ދިވެހި ދައުލަތުން ޣާޒީއެއްގެ ދަރަޖަ ހޯއްދެވި ބޭފުޅަކު، ބާޣީއެއްގެ ގޮތުގައި ދިވެހި ތާރީޚްގައި ކަޅުއަކުރުން ލިޔަން ޖެހިދާނެތީ ހިތާމަކުރައްވާކަމަށް ޕީޕީއެމްގެ ނާއިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

"މަގެ ދީނާ މަގެ ޤައުމު" ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނާއިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މިމަހުގެ 1 ވަނަ ދުވަހު ޖުޑީޝަރީ މެދުވެރިކޮށް ރާއްޖެއަށް ގެންނަން އުޅުނު ކަންކަމުގައި ރައީސް މައުމޫން ބައިވެރިވެފައިވާކަމަށް ތުހުމަތު ކުރެވޭތީ ހިތާމަކުރައްވާކަމަށެވެ. ރައީސް މައުމޫނަށް އިޝާރާތް ކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ ހިތާމަޔަކީ މިޤައުމުގެ ވެރިކަން ދިގުމުއްދަތަކަށް ކުރައްވައި ޣާޒީއެއްގެ ދަރަޖަ ހޯއްދެވުމަށްފަހު، މި ކަންކަމާ ގުޅިގެން ބާޣީ އެއްގެ ދަރަޖަގައި ރައީސް މައުމޫންގެ ނަން ލިޔަން ޖެހިދާނެތީކަމަށެވެ.

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ދިވެހިރާއްޖޭގެ ދުސްތޫރު ނެގެހެއްޓުމަށް އެރި ލޮޅުމުގެ މައްސަލަ ޙައްލުކޮށް ސަރުކާރަށް ލިބުނު ކާމިޔާބީގެ ސިއްރަކީ ސަރުކާރާއި، ސަލާމަތީ ބާރުތަކުގެ ބަދަހިކަންކަމަށް ޕީޕީއެމްގެ ނާއިބުރައީސް ވިދާޅުވިއެވެ. 

ޢަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ވައްޓާލުމަށް ޖުޑީޝަރީގެ ތެރެރިން ބަޔަކު ކުރި މަސައްކަތާ ގުޅިގެން ސަރުކާރާއި ސަލާމަތީ ބާރުތަކުން އެންމެ ފިޔަވަޅެއްވެސް ފަހަތައް އަޅާފައި ނުވާކަމަށާއި، ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުމުގައި ސާބިތުކަންމަތީ ތިބިކަމަށެވެ.

ޢަބްދުއްރަހީމް ވަނީ މީގެ ކުރިން ރާއްޖޭގެ ވެރިކަން ވައްޓާލުމަށް ރޭވި ބަޣާވާތްތަކުގެ ވާހަކަ ހިއްސާކުރައްވައި، އެކަންކަމުން ރައްޔިތުން ޢިބްރަތް ހާސިލް ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި މިމަހުގެ 1 ވަނަ ދުވަހު ޖުޑީޝަރީން ކުރިމަތިކުރަން އުޅުނު ބަޣާވާތަކީ ތާރީޚްގައި މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ބަޣާވާތުގެ ގޮތުގައި އޭނާ ސިފަކުރައްވާފައެވެ. 

"ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލީ، ދިވެހި ދައުލަތަގެ އަނެއް ދެބާރު ހުއްޓުމަކަށް ގެނައީ ދިވެހި ދައުލަތާއި ސަލާމަތީ ބާރުތަކުގެ އެންމެ މަތީ ވެރިޔާއަށް، އެމަނިކުފާނާ ޤާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ހުރަސްއެޅީ. މިކަން ކުރިއިރު މި ކުރެވެނީ ކިޔާވަރެއްގެ ކަމެއްކަން ނޭންގުމަކީ އަޅުގަނޑު ހިތާމަ ކުރާކަމެއް" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

 ޢަބްދުއްރަޙީމް ވިދާޅުވީ، ޤައުމަށް ދިމާވި މި ނުރައްކާތެރި ޙާލަތާ ގުޅިގެން ރައްޔިތުންނަށް ސީދާ ގެއްލުންވާ ދަރަޖައަށް ކަންތައް ނުދިއުމަކީ، ރައީސް ޔާމީން ދެއްކެވި ލީޑަރޝިޕްގެ ނަމޫނާ ކަމަށެވެ. އަދި މިކަމާ ދިމާވިއިރު ރާއްޖޭގެ ވެރިކަމުގައި ރައީސް ޔާމީން ނޫން އެހެން ލީޑަރަކު ހުންނެވި ނަމަ، ރައްޔިތުންނާއި ވެރިކަން ދޫކޮށްލައްވައި ވަޑައިގަތީސްކަމަށެވެ.