ޚަބަރު

11 ވަނަ އެސްޓީއޯ ޗޮކްލެޓް ފެސްޓް ފަށައިފި


ފަސްސަތޭކައަށްވުރެ ގިނަ ބާވަތްތަކުގެ ޗޮކްލެޓާއެކު "އެސްޓީއޯ ޗޮކްލެޓް ފެސްޓް 2018" ފަށައިފިއެވެ.

އެސްޓީއޯއިން ކޮންމެއަހަރަކު ކުރިއަށްގެންދާ ޗޮކްލެޓް ފެސްޓިވަލަކީ ޗޮކްލެޓަށް ލޯބިކުރާ މީހުންނަށް އެއްތަނަކުން ގިނަ ވައްތަރުގެ ޗޮކްލެޓް ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ފެސްޓިވަލެކެވެ. 

މި ފެސްޓިވަލުގައި ރާއްޖެއަށް އެންމެ ގިނަ ބާވަތްތަކުގެ ޗޮކްލެޓް އެތެރެކުރާ ތިން ކުންފުންޏަކުން ބައިވެރިވިއެވެ. އެގޮތުން "އެސްޓީއޯ ޗޮކްލެޓް ފެސްޓް 2018"ގައި ޔޫރޯ ސްޓޯރާއި، ވީބީ ބްރަދަރސްއާއި، ސެންކޯ ޓްރޭޑުންވަނީ ބައިވެރިވެފައެވެ.

އެސްޓީއޯގެ ބްރޭންޑް ސްޕަވައިޒަރު މުޙައްމަދު ޝުޖާއު ވިދާޅުވީ މި އަހަރުގެ ފެސްޓިވަލްގައި އާ ގިނަ ބްރޭންޑްތައް ހިމަނާފައިވާނެކަމަށެވެ. އަދި ފެސްޓިވަލް ކުރިއަށްދާއިރު ހިލޭ ޗޮކްލެޓުގެ ރަހަބެލުމާއި، ފެސްޓިވަލަށް ޒިޔާރަތްކޮށް، ޗޮކްލެޓް ގަންނަ ފަރާތްތަކަށް އެކި ކަހަލަ ހަދިޔާތައްވެސް ލިބިގެންދާނެކަމަށެވެ. 

" ޗޮކްލެޓް ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކުގެތެރެއިން 250 ރުފިޔާއިން މަތިން ވިޔަފާރިކުރާ ފަރާތްތަކަށްލިބޭ ކޫޕަން ފުރައިގެން ލަކީޑްރޯއިން ހޮވޭ ފަރާތްތަކަށް މެގަ ޗޮކްލެޓް ޕެކްތަކެއް ލިވޭނެ. އަދި ސޯޝަލް މީޑިއާގައިވެސް ޝެއަރ އެންޑް ވިން އޮފަރތަކެއް ކުރިއަށްގެންދަން." އެސްޓީއޯގެ ބްރޭންޑް ސުޕަވައިޒަރ މުޙައްމަދު ޝުޖާއު ވިދާޅުވިއެވެ.

ފެސްޓިވަލްގައި ބައިވެރިވި ކުންފުނިތަކުން ފާހަގަކޮށްފައިވާގޮތުގައި މި ފެސްޓިވަލް މެދުވެރިކޮށް ޢާއްމުކޮށް ފިހާރަތަކުން ލިބޭ އަގަށްވުރެ ހެޔޮއަގުގައި ޗޮކްލެޓްގެ ބާވަތްތައް ލިބޭނެއެވެ. މި ފެސްޓިވަލްގައި ކެޑްބަރީއާއި މިލްކާއާއި، ނެސްލޭ ސްވިސް ފަދަ މަޝްހޫރު ބްރޭންޑުތަކުގެ ޗޮކްލެޓް ހިމަނާފައިވެއެވެ. 

"އެސްޓީއޯ ޗޮކްލެޓް ފެސްޓް 2018" ކުރިއަށްދާނީ މިމަހުގެ ސަތާރަވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މި ފެސްޓިވަލް ބާއްވާ އެގާރަވަނަ އަހަރެވެ.