ޚަބަރު

ރައީސް ޔާމީނަށް ތާޢީދުކޮށް ބޮޑު އެއްވުމެއް ބާއްވައިފި


ރައީސް ޔާމީނަށް ރާއްޖޭގެ ރައްޔިތުންގެ ތާޢީދު އޮތް މިންވަރު ހާމަކުރުމުގެ ގޮތުން ވެރިކަންކުރާ ޕާޓީ ޕީޕީއެމްއިން އިންތިޒާމުކޮށްގެން މުޅި ރާއްޖޭގައި ޚާއްސަ ޙަރަކާތްތައް ކުރިއަށް ގެންގޮސްފިއެވެ. 

ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ކުރިއަށްގެންދިޔަ މިޙަރަކާތުގައި އެއްވުންތަކާއި ހިނގާލުންތަކާއި ސައިކަލްބުރުތައް ބާއްވާފައިވެއެވެ. މާލޭ ހަރަކާތައް ބާއްވާފައިވަނީ ހުޅުމާލޭ ސެންޓަރަލް ޕާކުގައެވެ.

މުޅި ރާއްޖޭގައި ކުރިޔަށް ގެންދިޔަ ހަރާކަތުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ. ހުޅުމާލޭ ސެންޓަރަލް ޕާކުގައި ކުރިއަށްދިޔަ އެއްވުމުގައި މަޖިލިސް މެމްބަރުންނާއި ސަރުކާރަށް ތާޢީދުކުރާ ގިނަ ޢަދަދެއްގެ ޒުވާނުންވެސް ބައިވެރިވެފައިވޭ. މި އެއްވުމުގައި ބައިވެރިވި މީހުންވަނީ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމަށް ބޭރުގެ ފަރާތްތަކަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަންތައްތައް ކާމިޔާބު ވިޔަ ނުދޭނެކަމަށް ބުނެފައެވެ. އަދި ޤާނޫނާއި ޤަވައިދުތައް ނެގެހެއްޓުމަށް ރަޢީސުލްޖުމްހޫރިއްޔާ ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ރައްޔިތުން ސަރުކާރާއިއެކު ތިބިކަން އެއްވުމުގެ ބައިވެރިން ފާހަގަކޮށްފައިވޭ.

މި އެއްވުމުގައި ވާހަކަދެއްކެވި މަޖިލީހުގެ މެމްބަރުން ވިދާޅުވީ ބަޔަކު ކުރާ ޓުވީޓަކުން ފުލުހުންނާއި ސިފައިންގެ ސަފުތައް ބައިބައިކޮށް ނުލެވޭނެކަމަށެވެ. 

img:http://s2.psmnews.mv/images/660x400/15182790638232.jpg|ލ.ފޮނަދޫގައި ޕީޕީއެމްއިން ބޭއްވި ޙަރަކަތުގެ ތެރެއިން -

އިދިކޮޅު ފަރާތްތަކުގެ ސަބަބުން ރާއްޖެއަށް މިހާރު ކުރިމަތިވަމުންދާ ކަންކަމުގެ ސަބަބުން ރާއްޖޭގެ ސުލްޙަ މަސަލަސްކަމާއި، ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް އެއްވެސް ބަދަލެއް ނާންނެކަމަށް މަޖިލިސް މެމްބަރުންނާއި، ސަރުކާރު ކުންފުނިތަކުގެ އިސްވެރިން ފާހަގަކޮށްފައިވެއެވެ. 

މި އެއްވުމުގައި ހުޅުމާލޭގައި ދިރިއުޅޭމުންދާ ރައްޔިތުންގެ އިތުރުން ގިނަ ޢަދަދަކަށް ޒުވާނުން ވަނީ ބައިވެރިވެފައެވެ. އެއްވުމުގެ ބައިވެރިންވަނީ ސަރުކާރުން ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކުރުމަށް ގެންނަމުންދާ ތަރައްޤީއާއި ސަރުކާރަށް އޮތް ތާއީދު ހާމަކޮށްފައެވެ. އަދި ވަކިން ޚާއްސަކޮށް ހުޅުމާލަށް އަންނަ ތަރައްޤީވަނީ ފާހަގަކޮށްފައެވެ. 

ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ސަރުކާރަށް ތާޢީދުކޮށް އެއްވުންތައް ބާއްވާފައެވެ. މި އެއްވުންތަކުގައި ގިނަ ޢަދަދެއްގެ އާއްމުންވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގައި ރައީސް ޔާމީނާއި މިސަރުކާރަށް އޮތް ތާއީދު ހާމަކުރުމުގެގޮތުން ޝުޢޫރުފާޅުކޮށްފައިވެއެވެ.

މި ހަރަކާތްތައް ފަށާފައިވަނީ މިއަދު ހަވީރު ހަތަރެއްޖެހިއިރު ރަށްތަކުގައި ހުރި ޕީޕީއެމްގެ ޖަގަހަތަކުންނެވެ. މި ހަރަކާތްތަކުގައި ރަށްރަށުގައި ދިރިއުޅޭ ޕީޕީއެމަށް ތާއީދުކުރާ ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެން ކަނބަލުންވެސް ހިމެނެއެވެ.