ޚަބަރު

ދޮގު މައުލޫމާތު ނުފެތުރުމަށް ސަލާމަތީ ބާރުތަކުން ގޮވާލައިފި


ދިވެހި އަސްކަރިއްޔާ ސަފުތަކުގެ ބަދަހިކަން ގެއްލޭ ގޮތަށް ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށް ޤައުމީ ދިފާއި ބާރުން ގޮވާލައިފިއެވެ. 

އެމްއެންޑީއެފުން މިއަދު ނެރުނު ނޫސްބަޔާނެއްގައިވަނީ ރާއްޖޭގައި މިވަގުތު އިޢުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ބައެއް ފަރާތްތަކުން ޝޯޝަލް މީޑިއާގައި ވަކިވަކި ސިފައިންނާއި ބެހޭގޮތުން ސާބިތު ނުހިފޭ ވާހަކަތައް ފަތުރަމުން ގެންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. މިގޮތުން ދިވެހި ރައްޔިތުންގެ ހިތްތަކުގައި ދިވެހި އަސްކަރިއްޔާއަށް އޮތް އިތުބާރު ގެއްލުވާލަން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި  ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލޭފަދަ ގޮތަކަށް ވަކިވަކި ފަރުދުންނަށް ނިސްބަތްކޮށް އެއްވެސް އަސާސެއް ނެތް ދޮގު މަޢުލޫމާތު ފަތުރަމުންދާކަމަށްވެސް އެމްއެޑީއެފްގެ ބަޔާނުގައިވެއެވެ. 

ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށާއި ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފައްދާ ދިވެހި އަސްކަރިއްޔާގެ ސަފުތަކުގެ ބަދަހިކަން ގެއްލޭގޮތަށް ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށް އެމްއެންޑީއެފްގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ. އަދި ޤައުމުގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން ޤާއިމްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ލާޒިމުކުރާ ޤާނޫނީ ވާޖިބުތައް އަދާކުރުމުގައި ދިވެހި އަސްކަރިއްޔާގެ ލަޝްކަރު ބަދަހިކަންމަތީ އޮންނާނެކަމުގެ ޔަޤީންކަން ދޭކަމަށްވެސް ޤައުމީ ދިފާއީ ބާރުން ނެރުނު ބަޔާނުގައިވެއެވެ. 

ދިވެހި އަސްކަރިއްޔާއާއި ގުޅޭ ގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަ ނުދެއްކުމަށް ގޮވާލާފައިވާއިރު ދިވެހި ފުލުހުންނާއި ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަތައްވެސް ފުލުހުން ވަނީ ދޮގުކޮށްފައެވެ. 

އިރާޤާއި ސީރިއާގައި ހިގަމުންދާ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެ އައި ބައެއް މީހުން ފުލުހުންގެ ގޮތުގައި މަސައްކަތްކުރާކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ޓައިމްސް އޮފް އިންޑިއާ ދެއްވި އިންޓަރވިއުއަށް ރައްދު ދީ ފުލުހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ނަޝީދުގެ ތުހުމަތުތައް ދޮގުކޮށްފައެވެ. ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ އިރާޤާއި ސީރިއާގެ ހަނގުރާމާގައި ބައިވެރިވި އެއްވެސް މީހަކު ފުލުހުންގެ އިދާރާގައި މަސައްކަތް ކުރަމުންނުދާކަމަށެވެ. އަދި ނަޝީދުގެ އެ ވާހަކަތަކީ އެއްވެސް ހަޤީޤަތެއް ނެތް އަމިއްލަ ފައިދާއަށްޓަކައި ދެއްކެވި ވާހަކަތަކެއްކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ. އަދި ފުލުހުންނާއި ގުޅޭގޮތުން ހަޤީޤަތާއި ހިލާފު ވާހަކަތައް ފަތުރަަމުންދާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.