ސިޔާސީ

ނަޝީދުގެ ވާހަކަތައް ޕީޕީއެމްއިން ކުއްވެރިކޮށްފި


ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޤާނޫނީ ގޮތުން އުފައްދާފައިވާ މުއައްސަސާތަކަކީ ޒިންމާދާރުކަމެއް ނެތް އަދި ޤާބިލުކަމެއް ނެތް ބައެއްކަމަށް ދޭހަވާގޮތަށް ކުރީގެ ރައީސް މުޙަންމަދު ނަޝީދު ދައްކާފައިވާ ވާހަކަތައް ވެރިކަންކުރާ މައިޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކުއްވެރިކޮށްފިއެވެ.  

ޕީ.ޕީ.އެމް އިން ނެރުނު ބަޔާނެއްގައިވަނީ ކުރީގެ ރައީސް މުޙަންމަދު ނަޝީދު އަވަށްޓެރި އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ރާއްޖޭގެ ސިފައިންނާއި ފުލުހުނާއި ކަސްޓަމްސްއާއި އިމިގްރޭޝަނުގައި ހައްދު ފަހަނައަޅައިފައިވާ ބައެއް ހަނގުރާމަވެރި ޖަމާޢަތްތަކުގެ ހަނގުރާމަވެރިން ތިބިކަމަށް ބުނެފައިވާވުން، ކުއްވެރިކުރާކަމަށާ މިއީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއެއްކަން ޕީޕީއެމްއިން ފާހަގަކޮށްފައިވެއެވެ. އިދިކޮޅު ފަރާތްތަކުގެ މިފަދަ ވާހަކަތަކަކީ އިދިކޮޅު ފަރާތްތަކުން ދިވެހި ޤައުމާއި ރައްޔިތުންނާއި ޤައުމުގެ މުހިންމު މުއައްސަސާތަކުގެ އަގުވައްޓާލަން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށްވެސް ޕީޕީއެމްއިން ބުނެފައިވެއެވެ. 

ޕީ.ޕީ.އެމްގެ ބަޔާނުގައިވަނީ ދިވެހި ރާއްޖެއަކީ މެދުމިނުގެ ސިޔާސަތެއް ގެންގުޅޭ ޤައުމެއްކަމަށާ ހައްދު ފަހަނައަޅައި ދިއުމުގެ އެއްވެސް ޢަމަލެއް ދިވެހި ސަރުކާރުން ބަލައިނުގަންނާނެކަމަށް ބުނެފައެވެ. 

ހައްދުފަހަނައެޅުމާއި ހަރުކަށި ފިކުރުތަކާދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލަމުން ޕީޕީއެމްގެ ބަޔާނުގައިވަނީ އެކަމުގެ ތަފްސީލްވެސް ދީފައެވެ. 

ދިވެހި މުޖުތަމަޢުގައި އަދި ވަކިން ޚާއްސަކޮށް ޒުވާނުންގެ މެދުގައި ހަރުކަށި ފިކުރުތައް ފެތުރަނަ ނުދިނުމައްޓަކައި ނެޝަނަނަލް ކައުންޓަރ ޓެރެރިރިޒަމް ސެންޓަރެއް އުފައްދަވައި ކަމާ ގުޅުންހުރި ފަރާތްތަކާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ޕީޕީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ކުރީގެ ރައީސް ނަޝީދަކީ ޝަރުޢީ ޙުކުމަކަށް ފިއްލަވައިން އުޅުއްވާ ބޭފުޅެއްކަން ފާހަގަކޮށް ޕިޕީއެމްގެ ބަޔާނުގައިވަނީ ނަޝީދަކީ އަބަދުވެސް ރާއްޖެއާ ބެހޭގޮތުން ދޮގު އަދި ތާކުންތާކު ނުޖެހޭ ޚަބަރުތަށް ބޭރުގެ ފަރާތްތަކަށް ދޭ ބޭފުޅެއްކަން ގާހަގަކޮށްފައެވެ. 

ޕީޕީއެމްގެ މިބަޔާނުގައި ވަނީ ބޭރު ޤައުމުތަކާއި ބައިންލްއަޤްވާމީ ބައިވެރިން ރާއްޖޭގެ ޢާންމުދިރިއުޅުމުގެ ޙާލަތު ބައްލަވާލެއްވުމަށް ސަރުކާރުން ނެރެފައިވާ ދަޢުވަތު ތަކުރާރުކޮށްފައެވެ. އަދި ޕީ.ޕީ.އެމް އޮތީ މިފަދަ ފަރާތްތަކާ ބައްދަލުކޮށް ޤައުމުގެ ޙާލަތާމެދު މަޢުލޫމާތުދޭން ތައްޔާރަށްކަމަށްވެސް ބުނެފައެވެ.