ޚަބަރު

ށ.ފުނަދޫ އެއަރޕޯޓަށް ބޭނުންވާ ބިން މިމަހު ހިއްކާ ނިމޭނެ


ށ.ފުނަދޫގައި ހަދާ އެއަރޕޯޓަށް ބޭނުންވާ ބިން މިމަހު ހިއްކާ ނިމޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެން ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއިން ބުނެފިއެވެ.

(އެމްޓީސީސީ)އާ ޙަވާލުކޮށްގެން ކުރިޔަށްގެންދާ މިމަޝްރޫޢުގެ ދަށުން، ފުނަދޫ އެއަރޕޯޓް ހެދުމަށް އެރަށު ހުޅަނގު އުތުރު ފަރާތު ފަޅުތެރެއިން 21 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީއިން ބުނީ ފުނަދޫގައި އެއަރޕޯޓް ހެދުމަށް ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށެވެ. އެގޮތުން ބައުންޑުވޯލް ޖަހާފައިވާ ޞަރަޙައްދުގެ ފަސްދޮޅަސް އިންސައްތައަށްވުރެ ބޮޑުބައެއް ހިއްކާ ނިމިފައިވާކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން ބިން ހިއްކުމުގެ މަސައްކަތް މުޅިން ނިންމާލެވޭނެކަމަށް އެމްޓީސީސީއިން ބުނެއެވެ.

ފުނަދޫގައި ހަދާ އެއަރޕޯޓް ރަންވޭގެ ބޮޑުމިނަކީ 1200 މީޓަރެވެ. ދައުލަތުން މިއަހަރަށް ލަފާކުރި ބަޖެޓުގައި 4 އެއަރޕޯޓެއް ހެދުމަށް 336 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އޭގެތެރެއިން ށ ފުނަދޫގައި އެއަރޕޯޓެއް އެޅުމަށް 89 މިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ. ފުނަދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ މެދުތެރޭގައެވެ.

އެއަރޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު އެއަރޕޯޓްގެ ޓާމިނަލާއި ފަޔަރ އެންޑް ރެސްކިއު ބިލްޑިންގ އިތުރުން އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރު އަޅާނެ ބަޔަކު ހޯދުމަށްވަނީ އިއުލާންކޮށްފައެވެ.

ފުނަދޫ އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށްވެސް ހަމަޖެހިފައިވަނީ އެމްޓީސީސީގެ ކޮންނަ ބޯޓް "މަހާ ޖައްރާފު" ބޭނުންކޮށްގެނެވެ.