ޚަބަރު

ޤައުމުގެ ސިޔާދަތާއި އިސްތިޤްލާލު ބައިނާޅިން މިނާ މިނުން ދޫކޮށްލާ


ޤައުމުގެ ސިޔާދަތާއި، އިސްތިޤްލާލު ބައިނާޅިން މިނާ މިނުން ދޫކޮށްލަންޖެހޭކަން ދިވެހިންނަށް މި ފަހުގެ ތާރީޚު ދައްކައިދީފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

"މަގެދީނާ މަގެވަތަނާ" މި ޝިޢާރުގެ ދަށުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ދިވެހި މުޖުތަމަޢުއާ ދޭތެރޭ ދެކިވަޑައިގަންނަވާ ހުވަފެންފުޅަކީ ދިވެހިން ތަހުޒީބީ މުޖުތަމަޢަކަށް ގެންދިޔުންކަމަށާއި، ދިވެހި ރައްޔިތުންނަކީ ތަނަވަސް ހަމަޖެހޭ ދިރިއުޅުމެއްގައި އުޅޭ ބަޔަކަށް ވުންކަމަށެވެ. އަދި ދިވެހިރާއްޖެ އެއް މިސްރާބަކަށް ދަތުރުކުރުމަށްޓަކައި އެންމެން އަތުކުރި އޮޅާލާ ކަމަރު ބަންނަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތަކާގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިމަހުގެ އެއްވަނަ ދުވަހު ދިވެހިންނަށް ދިމާވި ހިތްދަތިކަމަކީ މަދު ބަޔަކު ކުރިން ރާވައިގެން ހިންގި ނުރައްކާތެރި ބޮޑު ބަޣާވާތެއްކަމަށެވެ. އެގޮތުން ސަލާމަތީ ބާރުތަކުން މިހާތަނަށް ކުރި ތަހުޤީގުތަކުން އެކަން ވަރަށް ބޮޑަށް ހާމަވެގެން ހިގައްޖެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ރައްޔިތަކަށްވެހުރެ ދިވެހިރާއްޖޭގެ ދާޚިލީ ކަންކަން ނިންމުމަށް ކުލީ ސިފައިންނާއި، ބޭރު މީހުންނަށް ޖާގަދޭން ގޮވާލުމަކީ ޤާނޫނީ ކުށެއްކަމަށެވެ. އަދި ރާއްޖެއަށް ކުލީ ސިފައިން ގެންނަން ގޮވާލާއިރު، ރާއްޖެދެކެ ލޯބިވާ ހެޔޮ ގޮތް ބޭނުންވާ ވަޠަނީ ލޯބި ހިތުގައިވާ މީހުން ހަނު ނުތިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ބަރުމާއާއި ފަލަސްތީނުގެ މުސްލިމުންގެ ހާލަތަށްވުރެ ރާއްޖޭގެ މިހާރު ހިނގަމުންދާ ކަންތައްތަކަށް، ބައިނަލްއަޤުވާމީ ފަރާތްތަކުން ސަމާލުކަންދޭ މިންވަރު ބޮޑުއިރު، މިފަދަ ކަމެއްގެ ސަބަބުން ޤައުމަށް ލިބިދާނެ ގެއްލުން ބޮޑުކަމަށެވެ. އަދި ސްޕްރީމްކޯޓްގެ އަމުރު ތަންފީޒުކުރަށް ބޭރުގެ ޤައުމުތަކުން ބާރުއެޅިއިރު، އޭގައި ހުރި މައްސަލަތަކަށް ނުބަލާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ކުށެއްނެތިގެން ދޫކޮށްލާ މީހުންގެ ތެރޭގައި އަޅުގަނޑުމެންގެ ލޯންޗް ގޮއްވާލި މީހާވެސް އެބަ ހިމެނެޔޭ. އެއީ ކީއްކުރަންތޯ. އެ ކީއްކުރަންތޯ. އިތުރަށް މަގުމަތި ހަލަބޮލިކޮށް އެތައްބަޔަކަށް އިތުރު ގެއްލުންތަކެއް ދޭންތޯ. ހަމަގައިމުވެސް މިދެންނެވި ކަންކަން ރޭވި މީހުންނަށް އެނގޭނެ އެފަދަ މީހުން ދޫކޮށްލައިފިކަމަށް ވަންޏާ ދެން ރާއްޖޭގެ މަގުތައް ނާމާން ވެގެންދާނީ ކިހާ ވަރަކަށްތޯ. އަޅުގަނޑާ އޮޑިޓަރޖެނެރަލްއާ، އޭސީސީން ތަކުރާރުކޮށް ބުނަމުން މިދަނީ 150 މިލިޔަނަށްވުގެ ގިނަ ޑޮލަރު އަދިވެސް ވެއްޖެއޭ ގެއްލިފަ. އެބޭފުޅަކު ދެއްކެވިއްޔާއޭ އެލާރި ފެންނާނީ. ދިވެހިރާއްޖެއަކީ މާއްދިއްޔަތަށް ގޮސް ހުސްވެފަ އޮތް ތަނެއް. އަޅުގަނޑުމެންނަށް ދެން ފެންނާނީ އެފައިސާ މިދެންނެވި ކަހަލަ ކަންކަމަށް ބޭނުންކުރާތަން. އެހެންވީމަ އެއީ ދެއްތޯ ކުރަންއުޅުނު ނުރައްކާތެރިކަމަކީ. މިކަންކަން ފުރިހަމަވެގެންދިޔަނަމަ ކަންކަން ވެގެންދާނެގޮތް މި ދެންނެވީ. އެބޭފުޅަކު ދޫކޮށްލަން ލޯންޗަށްވެސް އެރުވިކަން އަޅުގަނޑު ދެނެހުރިން. އެހެންނަމަވެސް އަނެއްކާވެސް ސަލާމަތީ ބާރުތަކުން އެބޭފުޅާ ހުންނަންޖެހޭނީ ކޮށްޓެއްގައި ކަމަށްވާތީ އެކޮށްޓަށްލީ". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ޒަޢާމަތުގައި ވެރިކަން ދެމެހެއްޓުމަށް މަގުމަތީގައި ބަޔަކު ބައިތިއްބާކަށް ނުޖެހޭނެކަމަށާ، ބޭރުގެ އަސްކަރީ އެހީއެއް ގެންނާކަށްވެސް ނުޖެހޭނެކަމަށެވެ. އަދި މަޤާމުން ވަކިވިނަމަވެސް ޤައުމުގެ ކަރާމަތަށްޓަކާ ދައްކަން ނުޖެހޭ ވާހަކަ ހުންނާނެކަމަށާ، ވެރިކަން ނިމުމަށްފަހުވެސް އެފަދަ ވާހަކައެއް ދުވަހަކުވެސް ނުދައްކަވާނެކަމަށެވެ.