ޚަބަރު

ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ނޫސްވެރިން ވިސާ ނަގަންޖެހޭ


 ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ނޫސްވެރިން، އެކަމަށް ޚާއްޞަ ވިސާ ނަގައިގެން ނޫނީ ރާއްޖޭގައި ވަޒީފާ އަދާ ނުކުރެވޭނޭކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ރާއްޖޭގެ އިމިގްރޭޝަނުގެ ޤާނޫނާއި ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، އެ ޤާނޫނާއި ޤަވާއިދުގައިވާގޮތުގެ މަތިން މަސައްކަތް ކުރުމަށް ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް އަންނަ ބިދޭސީންނަށް ގޮވާލާ، މޯލްޑިވްސް އިމިގްރޭޝަނުން ޢާންމުކޮށްފައިވާ ނޫސް ބަޔާނުގައި ވަނީ، ރާއްޖެއަށް އެތެރެވެ އެއްވެސް ބާވަތެއްގެ މަސައްކަތެއް ކުރެވޭނީ އެމަސައްކަތަށް ޚާއްޞަކުރެވިފައިވާ ވިސާއެއްގެ ދަށުން ކަމުގައިވާތީ، ރާއްޖެއަށް އެތެރެވާ ނޫސްވެރިން ވެސް މިގޮތައް ޢަމަލުކުރަންޖެހޭ ކަމަށެވެ.

އިމިގްރޭޝަނުގެ ބަޔާނުގައިވަނީ، އޭއެފްޕީގެ ދެރިޕޯޓަރުންކަމުގައިވާ އިގިރޭސިވިލާތުގެ ރައްޔިތެއްކަމުގައިވާ އާތިޝް ރަވީ ޕަޓޭލްއާއި އިންޑިއާގެ ރައްޔިތެއްކަމުގައިވާ މަނީ ޝަރުމާ ޓުއަރިސްޓު ވިސާގައި ރާއްޖެ އެތެރެވެ، ނޫސްވެރިންގެ ގޮތުގައި ޙަރަކާތްތެރިވެފައިވާތީ ފުލުހުންގެ އިދާރާއިން އެދެމީހުން ހައްޔަރުކޮށް މިހާރު އިމިގްރޭޝަނާއި ޙަވާލުކޮށްފައިވާކަމަށެވެ.

މިގޮތަށް ޓުއަރިސްޓު ވިސާގައި ދިވެހިރާއްޖެއަށް އެތެރެވެ  މަސައްކަތްކުރުމަކީ، އިމްގްރޭޝަން ޤާނޫނާއި ޤަވާއިދާއި ޚިލާފު ޢަމަލެއްކަމުގައިވާތީ އެދެމީހުން މިހާރު ޑީޕޯޓްކުރުމަށް އިމިގްރޭޝަނުގެ ބަޔާނުގައިވެއެވެ.