ޚަބަރު

ބިދޭސީން އިިމިގްރޭޝަން ޤާނޫނަށް އިޙްތިރާމް ކުރަންޖެހޭ


ދިވެހި ރާއްޖެއަށް ޒިޔާރަތްކުރާ ބިދޭސީން  ރާއްޖޭގެ އިިމިގްރޭޝަން ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުމަށް ފުލުހުންގެ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

ރާއްޖެއަށް އަންނަ ބިދޭސީން ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ޢަމަލުކުރުމަށް ގޮވާލާ ފުލުހުންގެ އިދާރާއިން ޢާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެ އަންނަ ހުރިހައި ބިދޭސީންވެސް އެމީހުން ރާއްޖެ އަންނަ ބޭނުމަށް ޚާއްޞަ ވިސާ ނަގަންޖެހޭކަމަށެވެ.

އިމިގްރޭޝަނުން ޢަމަލު ކުރަމުންދާ އުޞޫލާއި އެއްގޮތައް ރާއްޖެ އަންނަ ހުރިހައި ބިދޭސީންވެސް ޢަމަލުކުރަން ފުލުހުންގެ އިދާރާއިން އިލްތިމާސްކުރީ، ވިސާ ނުނަގާ ޤާނޫނާ ޚިލާފަށް ބޭރުގެ ގިނަ ޢަދަދެއްގެ ނޫސްވެރިން ރާއްޖޭގައި ޙަރަކާތްތެރިވަމުންދާތީއެވެ.

ފުލުހުންގެ އިދާރާއިން ބުނެފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ  ބޭރުގެ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، އިމިގްރޭޝަން ޤާނޫނު ނެގެހެއްޓުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ސާބިތުކަމާއެކު މަސައްކަތް ކުރުމުގައި ފުލުހުންގެ އިދާރާއިން ދެމިތިބޭނޭކަމުގެ ޔަޤީންކަން އަރުވާކަމަށެވެ. 

ރާއްޖެއަންނަ ބިދޭސީން އެމީހުން ރާއްޖެއަންނަ ބޭނުމަށް ޚާއްޞަ ވިސާ ނަގަން އަންގާފައިވާއިރު، ފުލުހުން ވަނީ އިމިގްރޭޝަންގެ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދިޔަ ބޭރުގެ ދެނޫސްވެރިޔަކު ހައްޔަރުކޮށްފައެވެ. އެއީ ޓުއަރިސްޓު ވިސާގައި ރާއްޖެއަށް އެތެރެވެ ބޭރުގެ ނޫސް އޭޖެންސީގެ ރިޕޯޓަރުންގެ ގޮތުގައި ރާއްޖޭގައި ޙަރަކާތްތެރިވަމުންދިޔަ ދެނޫސްވެރިންނެވެ.