ޚަބަރު

4 މައްސަލަވެސް ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި


މއ.ކިނބިގަސްދޮށުގެ، މައުމޫން ޢަބްދުލްޤައްޔޫމް، މއ.ކަނބޯގެ މުޙައްމަދު ނަދީމް، ގ.ރެހެންދި ފްލެޓް B-05 ޢަލީ ޙަމީދު މުޙައްމަދު އަދި ސ.މީދޫ އަލިވިލާގެ ޢަބްދުﷲ ސަޢީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށްބުނެ ކުރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

ސުޕްރީމް ކޯޓުން ބުނެފައިވަނީ މއ.ކިނބިގަސްދޮށުގެ، މައުމޫން ޢަބްދުލްޤައްޔޫމް، މއ.ކަނބޯގެ މުޙައްމަދު ނަދީމް، ގ.ރެހެންދި ފްލެޓް B-05 ޢަލީ ޙަމީދު މުޙައްމަދު އަދި ސ.މީދޫ އަލިވިލާގެ ޢަބްދުﷲ ސަޢީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށްބުނެ ކުރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓަށް ބަލައިގަނެވެން ނެތްކަމަށެވެ. އެ ކޯޓުން ބުނީ، ފުލުހުންގެ ބެލުމުގެ ދަށަށް މި ހަތަރު މީހުން ގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ނެރުނު ކުއްލި ނުރައްކަލުގެ ހާލަތާއެކު، ހޭބިއަސްކޯޕަސް ރިޓަކަށް އެދުމާބެހޭ އުޞޫލުތައް ބަޔާންކުރާ ޤާނޫނާއި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް އަމަލުކުރުން ހުއްޓާލާފައި ވަނިކޮށް ކަމަށެވެ. 

ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ ވެރިކަން ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި، ފަނޑިޔާރުންނަށް ރިޝްވަތުދީގެން ޝަރީޢަތަށް ނުފޫޒު ފޯރުވުމާއި ވެރިކަން ބަދަލުކުރުމަށް ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވިކަމުގެ ހެކި ލިބުމާގުޅިގެންނެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ހައްޔަރުކޮށްފައިވަނީ ރިޝްވަތު ހިފުމަށްފަހު ވަކި ގޮތަކަށް ޝަރީޢަތް ހިންގުމާއި ސަރުކާރު ވައްޓާލުމަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޝަރީޢަތް ހިންގުމާއި ދައުލަތް ހިންގުމާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްދުގައި ހުރަސް އެޅުމުގެ ތުހުމަތުގައެވެ.

ފަނޑިޔާރު ޢަލީ ހަމީދު ހައްޔަރުކޮށްފައިވަނީ ރިޝްވަތު ހިފުމާއި ޝަރުޢީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި، ވެރިކަން ވައްޓާލުމަށް މަޤާމުގެ ނުފޫޒު ބޭނުންކުރުމާއި ޖިނާޢީ އަދުލުގެ ނިޒާމަށް ގަސްދުގައި ހުރަސް އެޅުމުގެ ތުހުމަތުގައެވެ. އަދި އަލީ ހަމީދާއި ގުޅުންހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާތަކެއްވެސް ފުލުހުން ވަނީ ހޯދާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގައި ޖިނާއީ އިޖުރާތުގެ ޤާނޫނު ސަސްޕެންޑް ކުރީ ޤާނޫނާ އެއްގޮތަށް ކަމަށްވެސް ކުރިމިނަލް ކޯޓުންވަނީ ކަނޑައަޅާފައެވެ.