ޚަބަރު

ރާއްޖެއަށް ކުލީ ސިފައިން ގެންނަން ގޮވާލުމަކީ ޤާނޫނީ ކުށެއް!


ޤައުމުގެ މުޤައްދަސްކަން ހިފަހައްޓަން ބޭނުންނަމަ ރާއްޖެއަށް އެހެން ޤައުމެއްގެ އަސްކަރީ ސިފައިން ގެންނަން ގޮވާލިފަރާތްތަކުން ރައްޔިތުންގެ ކިބައިން މަޢާފަށް އެދެންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "މަގެ ދީނާ މަގެ ޤައުމު" މި ޝިޢާރުގެ ދަށުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝަރުޢީ ދާއިރާގެ ތެރެއިން ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުކޮށްލާ ދައުލަތަށް ލިބުނު ނަޞްރު ފާހަގަކުރުމަށް "މަގެ ދީނާ މަގެ ޤައުމު" މި ޝިޢާރުގެދަށުން ކާނިވާ ޞަރަޙައްދުގައި ބޭއްވި ޖަލްސާގައި ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. ޤައުމީ ރޫޙު ފެނިގެން ދިޔަ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން މިހާތަނަށް ދައުލަތާ ދެކޮޅަށް ކުރެއްވި މަސައްކަތްއް ތަފްސީލްކޮށް ބަޔާންކޮށްދެވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ، މި ޖަލްސާ ސިފަކުރެއްވީ ޤައުމީ ކުލަތަކުން ޙުއްބުލް ވަޠަންގެ ލޯބި ދިރުވަން އެއްވި އެއްވުމެއްގެ ގޮތުގައެވެ. އަދި މިއީ ދިވެހިންގެ ޤައުމާއި، ޤައުމުގެ ދިފާޢުގައްޔާއި އިސްލާމްދީނުގެ ދިފާޢުގައި މަތިވެރި ޢަޒުމަކާއި ވަރުގަދަ ޝަޚުޞިއްޔަތެއް ދެއްކި ދިވެހި ސިފައިންނާއި ފުލުހުންނަށް އިޙްތިރާމްކުރަން ޖެހޭ ވަގުތެއްކަމަށް ވިދާޅުވިއެވެ.

ޝަރުޢީ ނިޒާމްގެ ތެރެއިން ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް ކުރި މަސައްކަތަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިމަހުގެ އެއްވަނަ ދުވަހު ޤާނޫނާ ޚިލާފަށް ސުޕްރީމް ކޯޓުން ނެރުނު ޢަމުރަކީ ދިވެހި ރައްޔިތުންނަށް ހިތްދަތިކަމާއި އަޅުވެތިކަމަށް ދިއުމަށް މަގުފަހިކޮށްދިން ނިންމުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ޚިޔާލު ފާޅުކުރުމުގެ ތެރޭގައި މުޅި ދައުލަތާއި، ޤައުމުގެ ހައްޤަށް އިހާނެތިކަން ރައްދުވާ ޚިޔާލު ފާޅެއް ނުކުރެވޭނެކަމަށާއި، ރާއްޖޭގެ ކަންކަން ޙައްލުކުރުމަށް ބޭރުގެ އަސްކަރިއްޔާއެއް އަންނަން ދައުވަތު ނުދެވޭނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެއީ ޤާނޫނީ ކުށެއްކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ބަރުމާއާއި ފަލަޞްޠީނުގެ މުސްލިމުންގެ ޙާލަތަށްވުރެ ރާއްޖޭގެ މިހާރުގެ ޙާލަތަށް ބައިނަލްއަޤުވާމީ ފަރާތްތަކުން ސަމާލުކަންދޭ މިންވަރު ބޮޑުކަމަށް ވިދާޅުވެ، މީގެ ސަބަބުން ޤައުމަށް ލިބިދާނެ ނުރައްކާ ވަރަށް ބޮޑުކަން ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ޤައުމުގެ މުޤައްދަސްކަން ހިފަހައްޓަން ބޭނުންނަމަ، ރާއްޖެއަށް އެހެން ޤައުމެއްގެ އަސްކަރީ ސިފައިން ގެންނަން ގޮވާލި ފަރާތްތަކުން ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަށް ދިމާވި މިޙާލަތުގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތުންވެސް އެނގިގެންދިޔައީ ބައިނަލްއަޤުވާމީ މައިދާނުގައި ރަށްޓެހިކަން ބޭނުންވާކަންކަމަށެވެ. އަދި ރާއްޖޭގެ މައްސަލަ އދ.ގެ ސަލާމަތީ މަޖިލީގައި ރާއްޖެއާއި މެދު ފިޔަޅުއެޅުމަށް ވާހަކަދެކެވުނުކަމަށާއި، ނަމަވެސް އެކަން ނާކާމިޔާބުވީ ގާތް ޤައުމުތަކުގެ ސަބަބުންކަމަށް ވިދާޅުވިއެވެ. ރައީސްވަނީ އެޤައުމުތަކުގެ ތަފްޞީލުވެސް ޙިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިގެންވާ ޗައިނާއާއި ރަޝިއާ ފަދަ ޤައުމުތައް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އަވަށްޓެރިންނަށް ދިވެހިންގެ އެއަރޕޯޓް ވިއްކިހެން ރާއްޖޭގެ ތަންތަން ނުވިއްކޭނެކަމަށާއި، މާޟީގެ ޙާދިސާތަކުން ޢިބްރަތް ޙާސިލުކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ސިޔާސީ ފިކުރުތަކުން އެއްކިބާވެތިބެ ޤައުމާ ދީނާމެދު ވިސްނާ ފިކުރުކޮށްލުމަށް ރައްޔިތުންނަށް ރައީސް އިލްތިމާސްކުރެއްވިއެވެ. 

ރައީސް ޔާމީން ގެ ވާހަކަފުޅު ނިންމަވާލެއްވީ އެމަނިކުފާނުގެ ޒަޢާމަތުގައި ވެރިކަން ދެމެހެއްޓުމަށް މަގުމަތީގައި ބަޔަކު ބައިތިއްބާކަމަށް ނުޖެހޭނެކަމަށާއި، ބޭރުގެ އަސްކަރީ އެހީއެއް ގެންނަން ނުޖެހޭނެކަމަށް ވިދާޅުވަމުންނެވެ. އަދި ރާއްޖޭގެ ކަންކަން ޙައްލުކުރަން ކުލީ ސިފައިންނާއި ބޭރުގެ ސިފައިން ނުގެނެވޭނެކަމަށް ވިދާޅުވަމުންނެވެ.