ޚަބަރު

ވިލާތުގެ ވަފްދަށް ސަރުކާރުން މަރްޙަބާ ކިޔާ އެއްބާރުލުންދިން!


އިނގިރޭސިވިލާތާ ވިލާތުގެ އިއްތިހާދުގެ ފަރާތުން ރާއްޖެއައި ވަފްދަށް ދިވެހި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއްދީ މަރުޙަބާ ކިޔާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދުގެ ފަރާތުން, ދުވަހެއްގެ ދެބައިކުޅަ އެއްބައި ހޭދަކޮށްލަން ރާއްޖެ އައި ވަފްދަށް ސަރުކާރުގެ ފަރާތުން  މަރުޙަބާކީކަަމަށާއި، ވަފްދުން އެދުނު ކަންކަން ސަރުކާރުން އިންތިޒާމްކޮށްދެއްވި ކަމަށެވެ.

ރައީސް އޮފީހުން ބުނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ޙައިސިއްޔަތުން މިވަގުތު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންގެންދަވާތީ، ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރާއި، ފޮރިން މިނިސްޓްރީގެ ވަފްދެއް، އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދުގެ ވަފްދާއި ބައްދަލުކޮށް ރާއްޖޭގެ މަސްރަޙުގެ ޙާލަތު ކިޔާދީފައިވާކަމަށެވެ. އަދި މި ވަފްދުގެ ބޭފުޅުން ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވަން އެދިވަޑައިގަތުމުން މިއަދު މެންދުރުފަހު 3 ޖަހާއިރަށް އެ ބައްދަލުވުން އިންތިޒާމްކޮށްދިންކަމަށްވެސް ރައީސްއޮފީހުން ބުނެއެވެ. އެހެންނަމަވެސް ވަފްދުގެ ބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލު ނުކުރައްވާ ރާޢްޖެއިން ފުރާފައިވާކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. މިއަދު މެންދުރުފަހު 3 ޖަހާއިރަށް މި ބައްދަލުކުރެއްވުން ތާވަލުކުރީ މިއަދު މެންދުރު ވަޒީރުންގެ މަޖިލީހުގެ ބައްދަލު ކުރެއްވުމެއް އޮތުމުގެ ސަބަބުންކަމަށް ރައީސް އޮފީހުން ބުނެއެވެ.ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ރާއްޖޭގެ ބައެއް އެކުވެރި ދައުލަތްތަކާއި ޙިއްޞާ ކުރެއްވުމުގެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުންގެ ގޮތުގައި ސަރުކާރުގެ ބައެއް ވަޒީރުން އެކި ޤައުމުތަކަށް މިހާރު ދަނީ ޒިޔާރަތްކުރައްވަމުންނެވެ. މިގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވަނީ ރޭގެ ވަގުތެއްގައި ޗައިނާ ސަރުކާރާއި މަޢުލޫމާތު ޙިއްޞާކުރެއްވުމަށް އެޤައުމަށް ފުރާވަޑައިގެންފައެވެ. އަދި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމް ވެސް ވަނީ ރޭގެ ވަގުތެއްގައި ޕާކިސްތާނަށް ފުރާވަޑައިގެންފައެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙައްމަދު ޝައިނީ ވަނީ މިއަދުގެ ވަގުތެއްގައި ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުންގެ މި ދަތުރުފުޅުތަކުގެ ފުރަތަމަ އެއް މަންޒިލަކަށް އިންޑިޔާ ހަމަޖެއްސެވި ނަމަވެސް އިންޑިޔާއިން ވަނީ އެޤައުމުގެ އިސްވެރިންނަށް ރާއްޖޭގެ އިސް ވެރިންނާ ބައްދަލު ކުރެއްވުމަށް ވަގުތު ދެއްވެން ނެތުމުގެ ސަބަބުން އެޤައުމަށް ދަތުރުފުޅު ނުކުރައްވާގޮތަށް ނިންމަވާފައެވެ.

ދިވެހި ސަރުކާރުން ވަނީ ރާއްޖޭގެ ތަރައްޤީގައި ބައިވެރިވާ ޤައުމުތަކާއި ފަރާތްތަކަށް ރާއްޖޭގެ މިހާރުގެ މަޞްރަހު ދިރާސާކޮށް ރާއްޖޭގެ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ޙާލަތަށް އެއްވެސް ބަދަލެއް ނާންނަކަން އެފަރާތްތައް އަމިއްލަޔަށް ޔަޤީންކުރެއްވުމަށް ދޫކޮށްލައްވާފައެވެ. މިގޮތުން، ރާއްޖެ މިހާރުވެސް އޮތީ ސުލްޙަވެރި ޤައުމެއްގެ ގޮތުގައިކަމަށާއި، ރާއްޖޭގެ އިޤްތިޞާދަށް އެއްވެސް އުނިކަމެއް ނާންނަކަމަށާއި، ދަތުރުފަތުރުކުރުމަށް އެއްވެސް ހުރަހެއް ނެތްކަން ސަރުކާރުން ފާހަގަކުރައްވައެވެ.