ޚަބަރު

މިނިސްޓަރ ފަރުކޮއެ މަޝްރޫއުގެ ދަރިވަރުންނާ ބައްދަލުކުރަައްވައިފި


އެޑިއުކޭޝަނުން ކުރިޔަށްގެންދާ "ފަރު ކޮއެ"  މަޝްރޫޢުގައި ޙަރަކާތްތެރިވާ މުހްޔިއްދީން ސްކޫލްގެ ދަރިވަރުންނާއި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި  "ފަރު ކޮއެ"  މަޝްރޫޢުގައި ޙަރަކާތްތެރިވާ ދަރިވަރުން ވަނީ އެކުދިންގެ ތަޖުރިބާ މިނިސްޓަރއަށް  ހިއްސާކޮށްފައެވެ. 

މި ޒިޔާރަތުގައި އެޑިއުކޭޝަން މިނިސްޓަރވަނީ ވިލިމާލޭގައި ޙަރަކާތްތެރިވާ ހިލޭ ސާބަހަށް ޑައިވްކުރަން ދަސްކޮށްދޭ ފަރާތްތަކާއި ބައެއް މަދަނީ ޖަމްޢިއްޔާތަކާ ބައްދަލުކޮށް "ފަރު ކޮއެ"  މަޝްރޫޢު ހުރިހައި ފަރާތެއްގެ ބައިވެރިވުމާއެކު ކުރިޔަށްގެންދެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރައްވާފައެވެ.

"ފަރު ކޮއެ" މަޝްރޫޢަކީ ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ފަރުތަކާއި ފަރުތަކުގެ ވަށައިގެންވާ ދިރުންތަކުގެ ރީތިކަކާއި، އެތަންތަނުގެ މުހިންމުކަށް ދަރިވަރުންނަށް އަންގައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިނިސްޓްރީގެ ޢަމާޒަކީ ކޮންމެ ދަރިވަރަކަށްވެސް މަދުވެގެން އަހަރަކު އެއްފަހަރު ފަރުތައް ބަލާލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. 

ޕައިލެޓް ޕްރޮޖެކްޓެއްގެގޮތުގައި މުޙްޔިއްދީން ސްކޫލްގެ ދަރިވަރުން "ފަރު ކޮއެ"ގެ ޙަރަކާތްތައް ފަށާފައިވާއިރު މިހާރު އެ ސްކޫލްގައި ތަޢުލީމް ޙާސިލްކުރަމުންދާ ގްރޭޑް ނުވައެއް އަދި ދިހައެއްގެ ދަރިވަރުންވަނީ ފަރު ބަލާފައެއެވެ.  އަދި އަންނަ ހަފްތާގައި އެ ސްކޫލްގެ ގްރޭޑް ހަތެއް، އަށެއްގެ ދަރިވަރުން ފަރުބަލާލަން ދިޔުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ. މުހްޔިއްދީން ސްކޫލްގައި މިޙަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް މި މަހުގެތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި "ފަރު ކޮއެ"ގެ ޙަރަކާތްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.