ޚަބަރު

އަލަށް ޢިމާރާތް ކޮށްފައިވާ މިސްކިތްތައް ހުޅުވަނީ


ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަލަށް ޢިމާރާތް ކޮށްފައިވާ މިސްކިތްތައް ކައިރި މުސްތަޤްބަލުގައި ހުޅުވާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަލަށް ޢިމާރާތްކޮށްފައިވާ މިސްކިތްތަކުގެ ތެރެއިން ގާތްގަނޑަކަށް 10 މިސްކިތް މިހާރު ހުރީ ހުޅުވުމުގެ މަރުހަލާގައިކަމަށް އިސްލާމިކް މިނސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ އެ މިސްކިތްތަކުގެ ހުޅުވުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ކުރަމުންދާކަމަށާއި، މަސައްކަތްތައްވެސް ހަލުވި ސްޕީޑެއްގައި ކުރަމުންދާކަމަށެވެ. ޕިއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުގައި ޢިމާރާތްކޮށްފައިވާ މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތްތަކަކީ މިހާރުވެސް ވަގުތީ ގޮތުން ނަމާދުކުރުމަށް ހުއްދަ ދީފައިވާ މިސްކިތްތައްކެއްކަމަށެވެ. އެގޮތުން ލ.އަތޮޅުގެ ބައެއް މިސްކިތްތަކުގައި މިހާރުވެސް ނަމާދު ކުރަމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ބައެއް މިސްކިތްތައް އެބަހުރި ނަމާދުނުކޮށް ބަހައްޓާފައި. މިނިސްޓްރީން އެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރާ އެކީގައި ވާހަކަދައްކަމުން ދަނީ  މިސްކިތްތަކުގައި ނުނިމި ހުރި ކުދިކުދި މަސައްކަތްތައް ނިންމާލުމަށް. ށ.އަތޮޅާއި ނ.އަތޮޅުގެ މިސްކިތްތައް ނިންމުމަށް މަސައްކަތް ކުރަމުންދަނީ. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް މަހެއްހާތެރޭގައި މަސައްކަތްތައް ނިންމާލެވޭނެ." ޑރ.އަޙްމަދު ޒިޔާދު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި މިސްކިތްތައް މިއަހަރުތެރޭގައި ހުޅުވުމުގެ މަސައްކަތް މިހާރުން ފެށިގެން ކުރަމުންދާއިރު މާލޭގައި ޢިމާރާތްކުރަމުންދާ ތިން މިސްކިތްވެސް ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާކަން ޑރ.ޒިޔާދު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މި މިސްކިތްތަކުގެ ތެރެއިން ކޮންމެވެސް އެއް މިސްކިތެއް  އަންނަ ރަމަޟާންމަހު ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށެވެ.

"އޭގެ ތެރޭގައި ގދ.ވާދޫއާއި އއ.އޮމަދޫ އާއި އެ އަތޮޅުގެ އެހެން ރަށްތަކެއްގައި ހުރި މިސްކިތްތަކާއި، ބ.އަތޮޅުގެ މިސްކިތްތަކެއްވެސް ހުޅުވުމުގެ މަސައްކަތް ކުރަމުންދަނީ . މާލޭގައި ހަދާ މިސްކިތްތަކުގެ ތެރެއިން ކޮންމެވެސް އެއް މިސްކިތެއްގައި ނަމާދުކުރެވޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރާނަން." ޑރ.އަޙްމަދު ޒިޔާދު ވިދާޅުވިއެވެ.

މިސްކިތް އިމާރާތްކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމިކް މިނިސްޓްރީން އަންނަނީ ގިނަ  މަޝްރޫޢުތަކުގެ ހިންގަމުންނެވެ. އެގޮތުން މިއަހަރުވެސް  މިސްކިތް ބިނާކުރުމުގެ މަޝްރޫއުތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިއހަރު ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭނީ މަސްޖިދުލް ބަހާއުއްދީންގައި ބިނާކުރާ ފަސް ބުރީގެ ޢިމާރާތާއި، ޒިކުރާ މިސްކިތް ދިހަ ބުރިއަށް ޢިމާރާތްކުރުމުގެ މަސައްކަތެވެ.