ޚަބަރު

މަޝްވަރާތަކަށް ސަރުކާރުން އަނެއްކާވެސް ގޮވާލައިފި


ރާއްޖޭގެ ސިޔަސީ މަސްރަޙްގައި ހުރި ނުތަނަވަސްކަމާ ގުޅޭގޮތުން  މަޝްވަރާކުރުމަށް ސަރުކާރުން އަނެއްކާވެސް އިދިކޮޅު ފަރާތްތަކަށް މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ގޮވާލައްވައިފިއެވެ. 

ސިޔާސީ މަޝްވަރާތަކަށް ސަރުކާރުން ކަނޑައަޅުއްވާފައި ހުންވާ އެންމެ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވީ، ބަޣާވާތަކުން ޤާނޫނީ ސަރުކާރު ވައްޓަލުމަށް މަސައްކަތްކުރި ހެކިތައް ފުލުހުން ހާމަކުރުމުން ސިޔާސީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރާއެކު މަޝްވަރާކުރުމަށް އިދިކޮޅު ފަރާތްތަކުން ބޭނުންވާކަމަށް ޤަބޫލްކުރެވޭކަމަށެވެ. އެހެންކަމުން މަޝްވަރާތައް ފެށުމަށް ސަރުކާރުން ދައުވަތުދޭކަމަށް ޝައިނީ ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙްގައި ހުރި ކަންކަން ހައްލުކޮށް ޤައުމު ތަރައްޤީކުރުމުގައި އެކުގައި މަސައްކަތްކުރުމުގެ މަޤްޞަދުގައި ސަރުކާރުން ވަނީ އެތައް ފަހަރެއްގެ މަތިން މަޝްވަރާކުރުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކަށް ދަޢުވަތު ދެއްވާފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ އެކި ޝަރުތުތައް ކުރިމަތިކުރުވާ މަޝްވަރާތަކަށް ދެކޮޅު ހައްދަވާފައެވެ. ސަރުކާރުން ވަނީ އެއްވެސް ޝަރުތަކާނުލާ މަޝްވަރާކުރުމަށް ސަރުކާރުން އަދިވެސް ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.