ކުޅިވަރު

ބެކަމްގެ ނަސޭހަތް ރޮނާލްޑޯއަށް!


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަށް ރެއާލް މެޑްރިޑަށް އެންމެ މުހިންމީ ކްރިސްޓިއާނޯ ރޮނާލްޑޯ ރަނގަޅު ފޯމުގައި ހުރުން ކަމަށް އެ ޓީމުގެ ކުރީގެ ތަރި ޑޭވިޑް ބެކަމް ބުނެފިއެވެ.

އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ފްރާންސްގެ ވަރުގަދަ ޕީއެސްޖީއާ ދެކޮޅަށް ރެއާލް ކުޅެންޖެހޭ މެޗާބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

މި ދެ ކުލަބަށް ވެސް ކުޅެފައިވާ ބެކަމް ބުނީ މެޑްރިޑަކީ އޭނާގެ ހިތުން ޚާއްސަ ޖާގައެއް ދީފައިވާ ކުލަބެއް ކަމަށާއި މެޑްރިޑް ކާމިޔާބު ހޯދާތަން ބަލަން އޭނާ ބޭނުންވާ ކަމަށެވެ.

މިވަގުތު ފޯމު ކަޓާފައިވާ ރޮނާލްޑޯއާ ބެހޭ ގޮތުން ބެކަމް ބުނީ ހުސްވި ދެ އަހަރު ރެއާލް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އަސްލަކީ ރޮނާލްޑޯ ދެއްކި މޮޅު ކުޅުން ކަމަށެވެ. މިހެންވެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ފިޓްކޮށް ބެހެއްޓުމަށް ރެއާލްއިން ވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

ބެކަމް ބުނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީ އާދަޔާ ޚިލާފު ބޮޑު ކާމިޔާބީއެއް ކަމަށާއި ނަމަވެސް އޭނާ ރެއާލް މެޑްރިޑުގައި ހޭދަކުރި ހަތަރު އަހަރު ތެރޭގައި އެންމެ ހިތްހަމަޖެހުނީ ސްޕެނިޝް ލީގު ކާމިޔާބު ކުރެވުމުން ކަމަށެވެ. އަދި މިވަގުތު ސްޕެނިޝް ލީގުގެ އެއްވަނާގައިވާ ބާސެލޯނާއަށްވުރެ 19 ޕޮއިންޓް ފަހަތުގައި ރެއާލް އޮތް ނަމަވެސް އެ ޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެ ކަމަށް އޭނާ ގަބޫލު ކުރާ ކަމަށެވެ.