ކުޅިވަރު

ސީޒަން ހުޅުވާ މެޗު ފަސްކުރުމުން ނިއުރޭޑިއަންޓަށް އުނދަގޫތަކެއް!


މިމަހުގެ ދިހަވަނަ ދުވަހު ޤަޠަރަށް ފުރަން ތާވަލްކޮށްފައިވަނިކޮށް، ސީޒަން ހުޅުވާ މެޗު ފަސް ކުރުމުން ނިއުރޭޑިއަންޓަށް އުނދަގޫތަކެއް ކުރިމަތިވެއްޖެއެވެ. 

އޭއެފްސީކަޕަށް ތައްޔާރުވުމުގައި ޤަޠަރުގައި ޓްރެއިނިންގ ކޭމްޕެއް ކުރިއަށް ގެންދަން ނިންމާ، ޓިކެޓްވެސް ނެގި ފަހުން ސީޒަން ހުޅުވާ މެޗު ފަސް ކުރުމުން ކޭމްޕަށް ގޮތެއް ނިންމުމަށް ނިއުއިން ވަނީ އެފްއޭއެމްއާ މަޝްވަރާތައް ފަށާފައެވެ. އެފްއޭއެމްއިން ސީޒަން ހުޅުވާ މެޗު ފަސްކޮށްފައިވަނީ މުއްދަތެއް ނެތްގޮތަށެވެ. 

ނިއުރޭޑިއަންޓްގެ ކޭމްޕް މިމަހުގެ ދިހަޔަކަށް ހަމަޖެއްސީ ސީޒަން ހުޅުވާ މެޗުގައި ޓީސީއާ ވާދަކުރުމަށްފަހު ފުރާށެވެ. ނަމަވެސް މިހާރު ކަންތައް ދިމާވި ގޮތުން ޤަޠަރުގައި ހަމަޖެހިފައިވާ އިންތިޒާމްތަކަށް ބަދަލު ގެންނަން ޖެހުމުގެ ފުރުޞަތު އެބައޮތް ކަމަށާއި، ކަނޑައަޅާފައިވާ ތާރީޚުގައި ކޭމްޕް ނުދެވިއްޖެނަމަ ބޮޑަތި އުނދަގޫތަކެއް ކުރިމަތިވާނެކަމަށް ނިއުރޭޑިއަންޓްގެ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒު ބުންޏެވެ.