ޚަބަރު

ދުސްތޫރީ ވާޖިބު އަދާ ނުކުރެވޭނަމަ ޤައުމަށް ނުރައްކާވާނެ- އާޒިމާ


ކިތަންމެ މޮޅެތި ޤާނޫނުތަކެއް ހުރިނަމަވެސް، ދުސްތޫރީ ވާޖިބު އަދާކުރަން ތިއްބެވި ފަރާތްތަކުން އެމީހުންގެ ޒިންމާތަކަށް ތެދުވެރިނުވެއްޖެނަމަ ޤައުމަށް ނުރައްކާތެރި ކިތަންމެކަމަކާ އަދިވެސް ކުރިމަތިލާންޖެހިދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އަލްއުސްތާޛާ އާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

"ޤައުމަށްޓަކާ ކަނބަލުން"ގެ ނަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ، ޤައުމަށް ކުރިމަތިވަމުން އަންނަ ކަންކަމަކީ ޤާނޫނުތަކުގެ ބަލިކަށިކަމުން ކުރިމަތިވާކަންކަމެއް ނޫންކަމަށާއި، އެއީ ޤާނޫނީ ޒިންމާއާމެދު ޤައުމާއި ދައުލަތާއި ދޭތެރޭ ވިސްނޭވަރު ކުޑަކަމުން ހިންގާކަންކަންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި އާޒިމާ ވިދާޅުވީ، ޤައުމުގެ އެންމެ ކުރީ ސަފުގައި ތިއްބަވާއިރު ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ކަންކަން ނިންމަންޖެހޭ ދަނޑިވަޅުތަކާއި ކުރިމަތިލާންޖެހޭނެކަމަށާއި، ނަމަވެސް އެ ނިންމުންތަކަކީ ޤައުމުގެ ހައްޤުގައި ނިންމާ ނިންމުންތަކެއްނަމަ ޤައުމުގެ މުސްތަޤްބަލް ވަރަށް ތަފާތުވާނެކަމަށެވެ.

"ކިތައްކިތައް ކަންތައް ދޫކުރެވިގެންތޯ ޤައުމު މިހާހިސާބަށް އައީ. އަޅުގަނޑުމެންގެ ތެރޭގައި ސްޓޮކެއް ނަގަންޖެހޭކަމެއް މިއީ. ހަޤީޤަތުގައިވެސް ދޫދެމުންގޮސް ވަޠަނިއްޔަތު އަދި މިނިވަންކަމާ ޙައްޤުތަކުގައި ޖަވާބުދާރީވާންޖެހިގެން ކިތައް ކަންތައް ދޫކުރެވިފައި އެބަހުރިތޯ؟ މިއަދު ޤުރުބާން އަދާކުރަނީ މި މާކުރިން ދޫކުރެވިފައިވާ ކަންކަމުގައި" އާޒިމާ ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޔާމީން ނިންމެވި ނިންމެވުމަށް ތަޢުރީފްކުރައްވަމުން އާޒިމާ ވިދާޅުވީ ވަރަށް ހިކުމަތްތެރިކަމާއެކު ރައީސް އެކަންކަމާ ކުރިމަތިނުލެއްވިނަމަ ޤައުމު ފެންނާނީ ވަރަށް ތަފާތުކޮށްކަމަށް. އަދި މިއީ ވެރިކަމުގައި ހުރި ވަކި މީހަކަށް ދިން ހަމަލާތަކެއް ނޫންކަމަށާއި އެއީ ދައުލަތަށް އަންނަ ހަމަލާތަކެގެގޮތުގައި އާޒިމާ ވަނީ ސިފަކުރައްވާފައި. އާޒިމާ ވަނީ އެފަދަ އަމަލުތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ. އާޒިމާ ވަނީ އެކަމުގެ އަގު އަދާކުރައްވަންޖެހޭނީ ކޮން ބައެއްތޯ ސުވާލުކުރައްވާ، އެބޭފުޅުންނާ ރައީސް ޔާމީނާ ދެމެދު އޮންނަ ޒާތީ މައްސަލައެއްގެ ސަބަބުން ޤައުމު އޭގެ އަގު އަދާކުރަން ޖެހިގެން ނުވާނެކަމަށް ވިދާޅުވެފައެވެ.

"މިކަމުގެ އަގަކީ ކޮބައިތޯ؟ ބައެއް ބޭފުޅުންނަށް މީގެ އަގަކަށް ވެދާނެ ތިމަންނަމެނާ ރައީސް ޔާމީނާ ދޭތެރޭގައި ޚިޔާލު ތަފާތުވުން ހުރީމަ އެކަންކުރަން އެބަޖެހެއޭ. ބައެއް މީހުންނަށް މީގެ އަގަކަށް ވެދާނެ ތިމަންނަމެނާއެކު ކުރިން ހުންނަވާފައި މިހާރު ކަންތައް ކުރައްވާގޮތުން މީ ކުރަންޖެހޭ ކަމެކޭ. ނޫން. މީގެ އަގު އަޅުގަނޑުމެންގެ ދަރިން އަދާކޮށްގެން ނުވާނެ. އެބޭފުޅުންނާ ރައީސް ޔާމީނާ ދެމެދު އޮންނަ ޒާތީ މައްސަލައެއްގެ ސަބަބުން ޤައުމު އޭގެ އަގު އަދާކުރަން ޖެހިގެން ނުވާނެ. އަޅުގަނޑު ޤަބޫލެއް ނުކުރަން." އާޒިމާ ވިދާޅުވިއެވެ.

މާޒީގައި ރާއްޖޭގެ މުއައްސަސާތަކަށް ދެމުންދިޔަ ހަމަލާތަކުގެ އަގު މިއަދުވެސް ޤައުމު އަދާކުރަމުން ގެންދާކަމަށާއި، މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އެއްވެސް ޤާނޫނީ ހަމައަކުން މިންކުރެވޭނެ އަމުރެއްނޫންކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި އެއީ ރާއްޖޭގެ ދުސްތޫރީ ހަމަތަކުގެ މަތިން ނެރުއްވާފައިވާ އަމުރެއްނޫންކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ނިންމާފައިވާ ނުވަތަ ހުކުމްކޮށްފައިވާ ޤާނޫނީ ހުކުމްތަކެއް ބަދަލުކުރާނެ ޤާނޫނީ ހަމައެއް ރާއްޖޭގެ ދުސްތޫރަކު ނޯންނާނެކަމަށާ، ރާއްޖޭގެ ޤާނޫނު އަސާސީގައި ކުށެއްގެ ހުކުމް ތަންފީޒްކުރަމުންދާ މީހަކަށް ސުޕްރީމް ކޯޓުން ހުކުމްކުރުމަށްފަހު އެ ބާޠީލްކުރެވޭނެ ޤާނޫނީ ހަމައެއް ނޯންނާނެކަން ފާހަގަކުރައްވާ އާޒިމާ ވިދާޅުވީ، ހުކުމެއްގައި ހުންނަ މީހެއްގެ މައްސަލަ ސުޕްރީމް ކޯޓަކުން ފެށޭނެ ގޮތެއްވެސް ނޯންނާނެކަމަށެވެ.