ޚަބަރު

"ދިވެހި ދައުލަތް ކުޑަކަކޫ ޖައްސާލި ދުވަސް ތާރީޚުން ނުފިލާނެ"


ރާއްޖޭގެ ޤާނޫނީ ވެރިކަން ބަދަލުކުރުމަށް ތިން ހަތަރު މީހަކު ދިވެހި ދައުލަތް ކުޑަކަކޫ ޖައްސާލި ދުވަހަކީ ތާރީޚުން ނުފިލާނެ ދުވަހެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޤައުމަށްޓަކައި ކަނބަލުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވަނީ ޤައުމަށްޓަކައި ކަނބަލުންކުރައްވާ މަސައްކަތްތަކަށް ތައުރީފްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ވިދާޅުވީ، ރާއްޖޭގެ ތާރީޚް ފެށިގެން އަންނަނީ ރަނިކަމަނައިންގެން ވެރިކަމުންކަމަށާއި، އޭރުވެސް ފެނިގެން ގޮސްފައިވަނީ ކަނބަލުންގެ ޖިހާދާއި ފިސާރި ކެރުންކަމަށެވެ. މިސަރުކާރުންވެސް ކަނބަލުން ބާރުވެރިކުރުމަށް ކުރައްވާ މަސައްކަތް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ވެރިކަމުގައި ކުރިމަތިވެވަޑައިގެންނެވި ބޮޑެތި ގޮންޖެހުންތަކާމެދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ވިދާޅުވީ، ތިން ހަތަރު މީހަކު ދިވެހި ދައުލަތް ކުޑަކަކޫ ޖައްސާލި ދުވަހަކީ ދިވެހި ތާރީޚުން ފޮހެވިގެން ދާނެ ދުވަހެއް ނޫންކަމަށެވެ. ރައީސް ވަނީ، ސަލާމަތީ ބާރުތަކުން ދެއްކެވި ސާބިތުކަން ފާހަގަކުރައްވާ ތަޢުރީފް ކުރައްވާފައެވެ.

ރައީސް ވިދާޅުވީ ޤައުމަށްޓަކައި ސަލާމަތީ ބާރުތަކުން ނުނިކުތްނަމަ އެކަމުގެ ނަތީޖާ ހިތިވާނެކަމަށެވެ. އެހެންކަމުން އެދުވަސް ހަނދާނުން ކައްސާލައިގެން ނުވާނެކަމަށާއި، ސަލާމަތީ ބާރުތަކުން ދެއްކި ޤައުމީ ހިތްވަރާ ޤުރުބާނަށް ފަރުދީ ފެންވަރުގައި ޝުކުރުއަދާކުރަންޖެހޭކަމަށެވެ. އަދި ޤައުމިއްޔަތާއި ވަތަނިއްޔަތުގެ ދުވަސް މުހިންމު ކަމަށާއި، އެހެންކަމުން ކޮންމެ ފެބުރުއަރީ މަހަކީ ވަޠަނީ ޤައުމީ ދުވަހެއްގެ ގޮތުގައި އެފަދަކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމަރު ބަންނަޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ޤާނޫނީ މަސްޢޫލިއްޔަތު ހަވާލުކޮށްފައިތިބި ބަޔަކު، ނަޒާހަތްތެރިކަމެއް ނެތި، މިމަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ ޤާނޫނީ ސަރުކާރު ބަދަލުކުރުމަށްޓަކައި މަސައްކަތްކުރި ކަމީ ހިތާމަހުރިކަމެއްކަމަށާއި، އެގޮތަށް އެކަން ވިނަމަ ރައްޔިތުން ހިތްދަތި ދުވަސްތަކަކާ ކުރިމަތިލާންޖެހުނީސްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ޤާނޫނީ ޒިންމާ ހެޔޮގޮތުގައި އަދާކޮށް ޤާނޫނީ އަސާސްތަކާއެއްގޮތަށް ދައުލަތް ހިންގާކަމަށްވާނަމަ އަދިވެސް ވަރުގަދަ ހަމަލާތަކަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެކަމަށް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، ބޭރުގެ އަސްކަރިއްޔާއިން ރާއްޖެއަށް އެރުމަށް ގޮވާލުމަކީ ދީނާއި ޤައުމިއްޔަތުގެ ކަންފުޅެއްވެސް ނެތްކަން ދޭހަވާކަމެއް ކަމަށް ސިފަކުރައްވާފައެވެ. ރައީސް ވިދާޅުވީ، މި ޤައުމަށް މިނިވަންކަން ހޯދާފައިވަނީ، ބޭރުގެ އިސްތިއުމާރީ ބާރުތައް މިޤައުމުން ބޭރުކޮށްގެންކަމަށެވެ. އެހެންކަމުން ޤައުމާ ތޮޅެން އަންނަން ގޮވާލާ ފަރާރްތަކުގެ ޤައުމީ ލޯތްބާއި، ޤައުމީ ވަންތަކަމާމެދު ސުވާލުއުފެދޭ ކަމަށް ރައީސް ވިދާޅުވިއެވެ.