ޚަބަރު

ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓް ނުކުރާތި


ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްކޮށްފިނަމަ ލައިސަންސް ހިފަހައްޓާނެކަމުގެ އިންޒާރު ބްރޯޑްކާސްޓިންގ ކޮމިޝަނުން ދީފިއެވެ.

އެކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ 1 ފެބުރުއަރީ 2018ގައި ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ބައެއް މީޑިއާތަކުން ގައުމީ ސަލާމަތީ ބާރުތަކުގެ އަގުވެއްޓޭ ގޮތަށާއި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ތަކުރާރުކޮށް ކޮންޓެންޓް ބްރޯޑްކާސްޓް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ރާއްޖޭގެ ސިފައިންނާ ހަނގުރާމަކުރުމަށް ބޭރުގެ ސިފައިންގެ އެހީ ހޯދުމަށް ކަމަށް ބުނެ އެކަމަށް ހިތްވަރު ލިބޭގޮތަށް ބައެއް ޓީވީ ސްޓޭޝަން ތަކުން ކޮންޓެންޓް ގެނެސްދެމުންދާކަމަށްވެސް ކޮމިޝަންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ގައުމަށް ދިމާވެފައިވާ މި ހައްސާސް ދަނޑިވަޅުގައި ހުރިހާ ބްރޯޑްކާސްޓަރުންވެސް ކޮންޓެންޓް ގެނެސްދިނުމުގައި އިތުރަށް ސަމާލުވުމަށާއި ޤައުމީ ސަލާމަތަށް ނުރައްކާވެ، ސުލްހަ މަސަލަސްކަން ގެއްލި ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ކޮންޓެންޓް ނުފޮނުވުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމިޝަންގެ ބަޔާނުގައިވަނީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ޤައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްކޮށްފިނަމަ، ބްރޯޑްކާސްޓް ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމުގެ އިޚްތިޔާރު އެކޮމިޝަނަށް ލިބިގެންވާކަމަށާއި އެ ފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އެ ފިޔަވަޅު އަޅާނެ ކަމަށްވެސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެއެވެ.