ޚަބަރު

ތައިލޭންޑު ބާޒާރުގައި މަހުގެ އަގު ދަށަށް ހިނގައްޖެ


ރާއްޖެއިން އެންމެ ގިނައިން ފިނިކުރި ކަނޑުމަސް ބޭރުކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ތައިލޭންޑުގެ ބާޒާރުގައި މަހުގެ އަގު ދަށަށް ހިނގައްޖެއެވެ.

ދިވެހިރާއްޖެއިން ފިނިކުރި ކަނޑުމަސް އެންމެ ގިނައިން ބޭރުކުރާ އެއް ޤައުމަކީ ތައިލެންޑެވެ. ފިޝަރީޒް މިނިސްޓްރީން ޢާންމުކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު، ތައިލޭންޑުގެ ބާޒާރުގައި ފިނިކުރި ކަޅުބިލަމަހުގެ އަގު ވަނީ މިދިޔަ މަހާ އަޅާ ބަލާއިރު ދަށަށްގޮސްފައެވެ. މިދިޔަ މަހު އެ ޤައުމުގެ ބާޒާރުގައި ފިނިކުރި ކަޅުބިލަމަސް ޓަނެއް ވިއްކީ 1،550 ޑޮލަރަށެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ، 23،901 ރުފިޔާއެވެ. ނަމަވެސް މިމަހު އެ ޤައުމުގެ ބާޒާރުގައި ފިނިކުރި ކަޅުބިލަމަސް ޓަނެއްގެ އަގު މިހާރު ހުރީ 1،450 ޑޮލަރުގައެވެ. އެއީ 22،359 ރުފިޔާއަށެވެ.

މިއީ މިދިޔަ މަހާ އަޅާ ބަލާއިރު 6.89 އިންސައްތައި ދަށް ޢަދަދެކެވެ. ރާއްޖޭގައި މަސް ގަންނަ ކުންފުނިތަކުން މަސްގަންނަމުންދަނީ ފިނިކުރި މަސް ކިލޯއެއް 20 ރުފިޔާއަށެވެ. އަދި ފިނިނުކުރާ މަސްކިލޯއެއް 18 ރުފިޔާއަށެވެ. ރާއްޖޭގައި ބޮޑުކަންނެލި ގަންނަ ކުންފުނިތަކުން މިދިޔަ ހަފްތާގައި ކަންނެލި ކިލޯއެއް ގަނެފައިވަނީ 93 ރުފިޔާއަށެވެ. ނަމަވެސް މި ހަފްތާގައި ބޮޑުކަންނެލި ކިލޯއެއްގެ އަގު 72 ރުފިޔާއަށް ދަށަށް ގޮސްފައިވާކަމަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ރާއްޖެއިން ރީނދޫއުރަހަ ކަންނެލި ބޭރުކުރާ އެއް މާރކެޓް ކަމަށްވާ ސްޕެއިންގެ މާރކަމެޑްރިޑްގެ މާކެޓްގައި ފިނިކުރި ރީނދޫ އުރަހަ ކަންނެލި ކިލޯއެއްގެ އަގު މިދިޔަ ހަފްތާގައި 163 ރުފިޔާއަށް ހުރިއިރު މިހަފްތާގައި އެޤައުމުގެ ބާޒާރުގައި ކަންނެލި ކިލޯއެއް ހުރީ 164 ރުފިޔާ 15 ލާރި އަށެވެ.