ޚަބަރު

9 މީހުން ދޫކޮށްލަން ކުރި އަމުރު ބާޠިލުކޮށްފި


01 ފެބްރުއަރީ 2018 ގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ނެރެފައިވާ ކޯޓުއަމުރުގެ ބައެއް ބައިތައް ބާޠިލުކޮށްފިއެވެ.

އެއަމުރުގެ ދަށުން މިނިވަންކުރަން އަމުރުކޮށްފައިވާ 9 މީހުން ދޫކޮށްލުމުގެ ބަޔާއި، ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީއަށް ނުބެލޭނެކަމަށް ކަނޑައެޅި ބައިވެސް ވަނީ ބާޠިލް ކޮށްފައެވެ.

ކުރީގެ އަމުރުން ދޫކޮށްލަން އެންގި މީހުންގެ ތެރެއިން ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ޤާނޫނާ ޚިލާފަށް ފަނޑިޔާރަކު ހައްޔަރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރަށް ޖަލަށްލުމަށް 13 ޖޫން 2015 ގައި ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާ މީހެކެވެ. 27 ޖޫން 2016 ގައި ސުޕްރީމްކޯޓުން ވަނީ މި ޙުކުމަށް ތާއީދުވެސް ކުރައްވާފައެވެ.

ކުރީގެ އަމުރުން ދޫކޮށްލަން އެންގި މީހުންގެ ތެރެއިން އަޙްމަދު އަދީބުގެ މައްޗަށް އުފުލިފައިވާ ދަޢުވާތަކުގެ ތެރޭގައި:

- ރައީސުލްޖުމްހޫރިއްޔާ އަވަހަރާކޮށްލަން ރޭވުން.

- ޓެރަރިޒަމްގެ ދަޢުވާ

- ރިޝްވަތުދިނުމުގެ ދަޢުވާ

- ރަސްމީ ޙައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދަޢުވާ

- ފިސްތޯލަ ގެންގުޅުމުގެ ދަޢުވާ

- މަޤާމުގެ ނުފޫޒު ބޭނުންކުރުމުގެ 9 ދަޢުވާއެއް ހިމެނޭ

ޚާއްޞަކޮށް، އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ގެ ޚިޔާނާތާ ގުޅުންހުރި އެތައް މައްސަލައެއް މީގެ ތެރޭގައި ހިމެނެއެވެ. މިދަޢުވާތަކުގެ ތެރެއިން ތިން ދަޢުވާއެއް ސާބިތުވެ، 33 އަހަރުގެ ޖަލު ޙުކުމް އަދީބަށް އިއްވާފައިވެއެވެ. އަދި އިތުރު މައްސަލައިގެ އަޑުއެހުންތައް އެކި މަރުޙަލާގައި ކުރިޔަށް އެބަގެންދެއެވެ.

ކުރީގެ އަމުރުން ދޫކޮށްލަން އެންގި މީހުންގެ ތެރެއިން ޤާސިމް އިބްރާހީމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށައެޅިކަމުގެ ކުށް ސާބިތުވެ، ތިން އަހަރާއި ދެ މަހާއި ބާރަދުވަހުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުންދާމީހެކެވެ. އޭނާގެމައްޗަށް ޙުކުމް އިއްވާފައިވަނީ 25 އޮގަސްޓް 2017 ގައެވެ. އަދި 7 ސެޕްޓެމްބަރ 2017 ގައި އޭނާ ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގަތްގޮތަށް ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

ކުރީގެ އަމުރުން ދޫކޮށްލަން އެންގި މީހުންގެ ތެރެއިން އައްޝައިޚް ޢިމްރާން ޢަބްދުﷲ، އަކީ 2015 ވަނަ އަހަރުގެ މެއިމަހުގެ އެއްވަނަ ދުވަހު، އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް ވާހަކަދެއްކެވުމުންނާއި އެދުވަހު ހަމަނުޖެހުން ހިންގީ ޢިމްރާން ޢަބްދުﷲގެ ވާހަކަތަކުގެ ސަބަބުން ކަމަށްވާތީ ޓެރަރިޒަމް ކުށުގެ ދަޢުވާ ސާބިތުވެ، 12 އަހަރަށް ޖަލަށް ލުމަށް 16 ފެބްރުއަރީ 2016 ގައި ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާ މީހެކެވެ. މި ޙުކުމަށް މަތީ ކޯޓުން ތާއީދުކުރީ 23 އޭޕްރީލް 2017 ގައެވެ.

ކުރީގެ އަމުރުން ދޫކޮށްލަން އެންގި މީހުންގެ ތެރެއިން މުހްތާޒް މުޙްސިނަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ހައްޔަރުކުރުމަށް، ޞައްޙަނޫން ކޯޓް އަމުރެއް ނެރުނު މައްސަލާގައި، ޓެރަރިޒަމް ޢަމަލެއް ހިންގަން އުޅުމުގެ ކުށާއި ޓެރަރިޒަމް ޢަމަލެއްގައި ބައިވެރިވުމުގެ ކުށް ސާބިތުވެ، 17 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފައިވާ މީހެކެވެ. އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ 9 ޖޫން 2016 ގައެވެ.ކުރީގެ އަމުރުން ދޫކޮށްލަން އެންގި މީހުންގެ ތެރެއިން އަޙްމަދު ނިހާނަކީ އދ. މާމިނގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމުގައި ހުރެ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް، ޞައްޙަނޫން ކޯޓް އަމުރެއް ނެރުނު މައްސަލާގައި ޓެރަރިޒަމް ޢަމަލެއް ހިންގަން އުޅުމުގެ ކުށާއި، ޓެރަރިޒަމް ޢަމަލެއްގައި ބައިވެރިވުމުގެ ކުށް ސާބިތުވެ 17 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ މީހެކެވެ. އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ، 10 ޖޫން 2016 ގައެވެ.ކުރީގެ އަމުރުން ދޫކޮށްލަން އެންގި މީހުންގެ ތެރެއިން މުޙައްމަދު ނާޒިމަކީ ދިވެހި ރާއްޖެއަށް އެތެރެކުރުން މަނާ ނުރައްކާތެރި ހަތިޔާރު، ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީކުރަމުންދާ މީހެކެވެ. މިޙުކުމް އިއްވާފައިވަނީ  26 މާޗް 2015 ގައެވެ.