ޚަބަރު

ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުޞަތު ދެނީ


މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާ ބެހޭގޮތުން މިއަހަރު އަލަށް އެކުލަވާލީ އުސޫލުގައިވާ ގޮތުގެ މަތީން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ، އެ އުސޫލުގައި ބުނެދީފައިވާ ޝަރުޠު ފުރިހަމަވާ ކުންފުނިތަކަށްކަމަށެވެ. އެގޮތުން އެއްވެސް ކަހަލަ ޚިޔާނާތުގެ މައްސަލައެއްނެތުމާއި އެފަދަ މައްސަލައެއް ޝަރުޢީ ކޯޓެއްގައި ހިނގަމުންދާ މީހަކު ކުންފުނީގެ ބޯޑުގައި ހިމެނިފައި ނުވުންވެސް އަލަށް އެކުލަވާލީ  އުސޫލްގައިވެއެވެ. މިމަހުގެ އަށްވަނަ ދުވަހުންފެށިގެން ބާރަ ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު އަށްގަޑި ތިރީހުން ބާރަގަޑި ތިރީހަށް އެ މިނިސްޓްރީން ޕްރޮޕޯޒަލްފޮތް ގަންނަށް ލިބޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި ކަނޑައަޅާފައިވާ މުއްދަތުގެ ފަހުން ގެންނަ ޕްރޮޕޯޒަލްތައް ބަލައި ނުގަންނާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.  މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ގަންނަންޖެހޭ ޕްރޮޕޯޒަލްފޮތުގެ އަގަކީ ތިރީސް ފަސްހާސް ރުފިޔާއެވެ.

ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގައިވާގޮތުން ކޮންމެ ކުންފުންޏަކަށްވެސް ހުށަހެޅޭނީ ގިނަވެގެން އެއް ޕްރޮޕޯޒަލެވެ. އެއް ކުންފުންޏަކުން އެއް ޕްރޮޕޯޒަލަށްވުރެ ގިނަ ޕްރޮޕޯޒަލް ހުށަހަޅައިފިނަމަ، އެ ކުންފުންޏެއްގެ ހުރިހާ ޕްރޮޕޯޒަލެއް ބާޠިލްވާނެއެވެ. ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރާނީ މިނިސްޓްރީން ޢައްޔަންކުރާ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުންނެވެ. ޕްރޮޕޯޒަލްތައް އިވެލުއޭޓްކޮށް ނިމުމުން މާކްސް ދިން ގޮތް ހާމަކޮށް ރަޖިސްޓަރީ ކުރުމަށްފަހު ހޮވޭ ކުންފުނިތައް ޢިއުލާންކުރަންވާނެ ކަމަށް މި އުސޫލުގަ ބަޔާންކޮށްފައިވެއެވެ.