ޚަބަރު

ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި


ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. ޖެންޑަރ މިނިސްޓްރީން ބުނީ މުއްދަތު އިތުރުކޮށްފައިވަނީ ގިނަ ބަޔަކަށް މި އެވޯޑަށް ނަން ހުށައެޅުމުގެ ފުރުޞަތު ދިނުމުގެ ބޭނުމުގައިކަމަށެވެ.

މިއަހަރު މުޅިން އާ ދެ ދާއިރާއަކުން ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި އެވޯޑަށް އަލަށް އިތުރުކުރި ދެ އެވޯޑަކީ އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާ ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާގެ އެވޯޑާއި އަންހެނުން އާންމުކޮށް ކޮށް ނޫޅޭ މަސައްކަތުގެ ދާއިރާގެ އެވޯޑްއެވެ. މި އެވޯޑްގައި ދެން ހިމެނޭ ދާއިރާތަކަކީ ސިޔާސީ ދާއިރާ، އިޤްތިޞާދީ ދާއިރާ، އިޖުތިމާޢީ ދާއިރާ، ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން އަންހެނުންގެ ތަރައްޤީއާއި އަންހެނުން ބާރުވެރިކުރުމާއި ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ ދާއިރާއެވެ.

މި ދާއިރާތަކުގެ ތެރެއިން ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން އަންހެނުންގެ ތަރައްޤީއާއި އަންހެނުން ބާރުވެރިކުރުމާއި ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ ދާއިރާއަށް ނަން ހުށައެޅޭނީ އެމީހަކު ވަޒީފާއަދާކުރާ ތަނަކުންކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ރެހެންދި އެވޯޑަށް ނަން ހުށައެޅުމުގެ ފުރުސަތު ސަރުކާރުގެ މުއައްސަސާތަކާއި އޮފީސް އަދި ކުންފުނިތަކަށްވެސް ހުޅުވާލާފައިވާކަމަށެވެ. މީގެ އިތުރުން އަމިއްލަ ގޮތުން ނަން ހުށައެޅުމުގެ ފުރުސަތާއި އެހެން މީހެއްގެ ނަން ހުށަހެޅުން ނުވަތަ ނޮމިނޭޓްކުރުމުގެ ފުރުސަތުވެސް އޮންނާނެކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

ރެހެންދި އެވޯޑަކީ ޤައުމީ ތަރައްޤީގައި ފާހަގަކުރެވޭ ޙިއްޞާއެއް އޮވެ، ޤައުމަށް ބޮޑެތި ލާބަޔާ މަންފާލިބޭ ޚިދުމަތް ކޮށްދީފައިވާ އަންހެނުންގެ އަގުވަޒަންކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.