ޚަބަރު

މައުމޫނުގެ މައްޗަށް ފަނޑިޔާރަކަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތު


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޒަޢާމަތު ޕީޕީއެމްގެ މުސްތަޝާރު، ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް ބަދަލުވެގެންދިޔަ މަރުޙަލާގައި ސްޕްރީމް ކޯޓަށް ހުށަހެޅިގެންދިޔަ މައްސަލައަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛް ޢަލީ ޙަމީދު މެދުވެރިކޮށް މައްސަލައަށް ނުފޫޒު ފޯރުވުމަށް ކުރީގެ ރައީސް މަޢުމޫނު ޢަބްދުލްޤައްޔޫމު މަސައްކަތްކުރައްވާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު ޒައިދުލް އަމީން ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު ޢަލީ ޙަމީދު މިފަދަ ގޮތަކަށް ޢަމަލުކުރެއްވި ކަމަށް ޒައިދުލް އަމީން ވިދާޅުވެފައި ވަނީ "ޗެނަލް13"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުންނެވެ.

ޒައިދުލް އަމީންގެ ވާހަކަތަކަށް ރިޢާޔަތްކޮށް، ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބް ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، ފަނޑިޔާރު ޢަލީ ޙަމީދުގެ މައްޗަށް ފަނޑިޔާރެއްގެ ކިބައިން ފެނިގެންނުވާފަދަ ޢަމަލުތަކެއް ފެނިފައިވާ ކަމަށް ޒައިދުލްއަމީންގެ ވާހަކަތަކުން އެނގިގެން ގޮސްފައިވާކަމަށެވެ.

މިކަމާގުޅިގެން ޕީޕީއެމުންވަނީ ބަޔާނެއްވެސް ނެރެފައި. މި ބަޔާނުގައި ވަނީ އެކަން އެގޮތަށް ކުރެއްވުމަށް ކުރީގެ ރައީސް މައުމޫނު ރިޝްވަތުގެ ހުތުރު ޢަމަލު ހިންގަވާފައި ކަމަށް ތުހުމަތުކޮށްފައެވެ. އަދި އެ ޙުކުމް ކުރުމުގައި އިސްލާމީ ޝަރީޢާއާއި ޚިލާފަށް ކަންތައްތަކެއް ކުރެއްވުމެއްޓަކައި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދުގެ މައްޗަށް ބާރާއި ނުފޫޒުގެ ބޭނުން ކުރައްވާފައިވާކަމުގެ ތުޙުމަތުވެސް ރައީސް މައުމޫނުގެ މައްޗަށް ކުރާ ކަމަށެވެ. އެހެން ކަމުން މިކަން މިހާރުން މިހާރަށް ތަޙުޤީޤުކޮށްދެއްވުން އެދި ދިވެހިރާއްޖޭގެ ތަޙުޤީޤީ އިދާރާތަކަށް ގޮވާލާ ކަމަށެވެ.