ޚަބަރު

ޣައިރުޤާނޫނީ އަމުރަކަށް ތަބާ ނުވުމަށް އޭޖީ ލަފާދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރުމަށް ސުޕްރީމްކޯޓުން ނެރޭ އެއްވެސް ޣައިރުޤާނޫނީ އަމުރަކަށް ތަބާނުވާނެކަމަށާއި ސަލާމާތީ ބާރުތަކުންވެސް އެފަދަ އަމުރަކަށް ތަބާނުވުމަށް ދައުލަތުގެ ބަންޑާރަ ނައިބް ލަފާ ދެއްވައިފިއެވެ.

ދައުލަތުގެ ފަރާތުން ދެއްވި ޚާއްސަ ބަޔާނެއްގައި ބަންޑާރަނާއިބު މުހައްމަދު އަނިލް ވިދާޅުވީ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތިދުވަހު ނެރުނު އަމުރު ތަންފީޒުކުރުމަށް ސުޕްރީމްކޯޓާއި އެކު މަޝްވާރާކުރައްވާ އެ ކޯޓުން ދެއްވި އިރުޝާދާއެކު ޙުކުމް ތަންފީޒްކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ޤައުމީ ސަލާމަތާއި ގުޅުން ހުރި މައްސަލަތައް ކުރިމަތިވެދާނެކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ މަޤާމުން އަޒުލުކުރުމަށް ސްޕްރީމް ކޯޓުން ހުކުމެއް ކުރާނެކަމުގެ މަޢުލޫމާތު ވަރަށް ޔަޤީންކަމާއެކު ލިބިވަޑައިގެންފައިވާކަމަށް ބަނޑާރަނާއިބު ވިދާޅުވިއެވެ.

އެއްވެސް ބަޔަކަށް ޤާނޫނުއަސާސީން ލިބިދީފައި ނުވާ ބާރެއް، ލިބިދީފައިނުވާ ހައިސިއްޔަތެއް ބޭނުންކުރުމުގެ ބާރު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން އެއްވެސް ބަޔަކަށް ލިބިދީފައި ނުވާކަމަށާއި، ރައީސް މަޤާމުން ވަކިކުރެވޭނެގޮތާއި އެކަމުގައި ސްޕްރީމް ކޯޓުގެ ދައުރު ޤާނޫނު އަސާސީގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާކަން ބަންޑާރަނާއިބު ފާހަގަކުރެއްވިއެވެ. އަދި ޤާނޫނުއަސާސީގެ 113ވަނަ މާއްދާ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ޢަޒުލު ކުރުމުގައި ސްޕްރީމްކޯޓުގެ ދައުރެއް އޮންނަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރެއްގެ ޞައްޙަކަމާމެދު ސުވާލު އުފެދިއްޖެ ޙާލަތެއްގައިކަމަށާއި އެނޫންގޮތަކަށް ކުރާ އައިރު ޤާނޫނީ އެއްވެސް އަމުރަކަށް ތަބާނުވާނެކަން ދައުލަތުން ބަންޑާރަ ނައިބް މުހައްމަދު އަނިލް ވިދާޅުވިއެވެ.

ޤާނޫނުއަސާސީގެ 133ވަނަ މާއްދާގެ ދަށުން ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހާ ކަންކަމުގައި ސަރުކާރަށް ލަފާއެރުވުމަކީ ބަންޑާރަނައިބުގެ މަސްޢޫލިއްޔަތެއްކަމަށާއި، ޣައިރުޤާނޫނީ އެއްވެސް އަމުރަކަށް ތަބާނުވުމަށް ޤާނޫނު ތަންފީޒްކުރާ ފަރާތްތަކަށް ދައުލަތުގެ ބަންޑާރަނައިބުގެ ހައްސިއްޔަތުން އަންގަވާކަމަށްވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޤާމުން އަޒުލްކުރުމަށް ސުޕްރީމްކޯޓުން އަމުރު ނެރުނުނަމަވެސް އެ އަމުރަކަށް ތަބާނުވާނެކަމަށް ސަލާމަތީ ބާރުތަކުންވެސް ވަނީ ހާމަކޮށްފައެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވިދާޅުވީ، ޤައުމު ހަލަބޮލިވެ ޤައުމު ކްރައިސިސްއަކަށް ވެއްޓޭތަން ބަލާކަށް ދިވެހި އަސްކަރިއްޔާއަކަށް ނޯވެވޭނެކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާ ތަބާވާނީ ބަންޑާރަނައިބުގެ ޤާނޫނީ ލަފާގެ މައްޗަށް ކަމަށާއި، އެއްވެސް ފަރާތެއްގެ އެއްވެސް ޣައިރުޤާނޫނީ އަމުރަކަށް ދިވެހި ސިފައިން ތަބާނުވާނެކަމަށެވެ.

ފުލުހުންގެ އިދާރާ ހިންގެވުމާ ޙަވާލުވެ ހުންނެވި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ދެއްވި ވިދާޅުވީ، ޤައުމަށް ދިމާވާ މިފަދަ ޙާލަތެއްގައި ދިވެހި ފުލުހުން މަސައްކަތްކުރާނީ ދައުލަތުގެ ބަންޑާރަނައިބުގެ ލަފާފުޅުގެމަތިން ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފުނުވާގޮތަށް ކަމަށެވެ. އަދި ޣައިރުޤާނޫނީ އެއްވެސް އަމުރަކަށް ދިވެހި ފުލުހުން ތަބައެއް ނުވާނެކަމަށެވެ.

ބަންޑާރަނައިބު ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރު، ތަންފީޒްކުރުމުގައި ހުރި ޤާނޫނީ ނުކުތާތައް ފާހަގަކޮށް ޕްރޮސިކިއުޓަރ ޖެނެރަލާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގުޅިގެން ވަރަށް ތަފްސީލުކޮށް ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

ބަންޑާރަނައިބު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގައި ޤާނޫނީގޮތުން ފާހަގަކުރެވުނު ކަންތައްތައް ވަރަށް ތަފުސީލުކޮށް ސުޕްރީމްކޯޓަށް ހުށައަޅާފައިވާކަމަށެވެ. ޓެރަރިޒަމްއާއި ވައްކަމާއި ޚިޔާނާތުގެ މައްސަލަތަކުގައި ހުކުމްތަންފީޒުކުރަމުންދާ ބައެއް މީހުން މިނިވަންކުރުމަށް ސުޕްރީމްކޯޓުން މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ނެރުނު އަމުރުގައި ބަޔާންކޮށްފައިވެއެވެ