ޚަބަރު

ސްޕްރީމްކޯޓުގެ ބެންޗަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނެތް


ސްޕްރީމް ކޯޓުގެ ބެންޗަށް ނުވަތަ އެހެން ކޯޓެއްގެވެސް ބެންޗަށް އެއްވެސް ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތްކަމަށް ސަރުކާރުން ބުނެފިއެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ސްޕްރީމް ކޯޓުގެ އަމުރާ ގުޅިގެން އެކޯޓުގެ ބެންޗަށް ސަރުކާރުން ބަދަލުގެންނަށް އުޅޭކަމަށް އިދިކޮޅު ފަރާތްތަކުން އަޑުފަތުރާފައިވާކަމަށާއި، ނަމަވެސް އޭއީ ހަޤީޤަތެއް ނޫންކަމަށެވެ. މިނިސްޓަރ ޒަމީރު ވިދާޅުވީ، މިޚަބަރު ލިބުމާއެކު މިކަމުގެ ހަޤީޤަތް ހޯދުމަށް ދައުލަތުގެ ބަންޑާރަނައިބާވެސް ގުޅުއްވިކަމަށާއި، ނަމަވެސް ސަރުކާރުން މިފަދަ އެއްވެސް މަޝްވަރާއެއް މިހާތަނަށް ކޮށްފައިނުވާކަން ބަންޑާރަނައިބު ޔަޤީންކަންދެއްވާފައިވާކަމަށެވެ.

"ސަރުކާރުގެ ފަރާތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ސަރުކާރުގެ ފަރާތުން އިސްވެ ނޫނީ ޕާޓީގެ ޕީޖީ ގުރޫޕުގައި ދަންނަވައިގެން ޖުޑިޝަރީއަށް އެއްވެސް ކަހަލަ ބައްދަލެއްގެންނަން ނޫނީ ކޯޓްތަކުގެ ބެންޗަށް ޚާއްޞަކޮށް ސްޕްރީމް ކޯޓުގެ ބެންޗަށް ބަދަލެއް ގެންނަން ސަރުކާރުގެ ފަރާތުން ވިސްނަވާފަ ނޫނީ މިކަހަލަ އެއްވެސް މަޝްވަރާއެއްވެސް ކުރެވިފައެއް ނެތޭ". މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

މިބައްދަލުވުގައި ވާހަކަދައްްކަވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަދި ވިލުފުށީ ދާއިރާގެ މެމްބަރ ރިޔާޒް ރަޝީދު ވިދާޅުވީ، ކޯޓުތަކާ ބެހޭ ޤާނޫނަށް ނުވަތަ އެއްވެސް ކޯޓެއްގެ ބެންޗަށް ބަދަލެއް ޤެނައުމަށް އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގައިވެސް މަޝްވަރާކޮށްފައި ނުވާކަމަށެވެ. އަދި މިކަމަކީ ރައްޔިތުންނަށް ހަޤީޤަތް އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ދޮގުވާހަކަތަކެއްކަމަށް ރިޔާޒް ވިދާޅުވިއެވެ. 

"ސްޕްރީމް ކޯޓްގެ އަދި އެއްވެސް ކޯޓެއްގެ ބެންޗަށް ބަދަލެއް ގެންނަން މިހާރު މިހާރު މިދެކެވޭ ވާހަކައަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިހާތަނަށްވެސް ޕީޖީގައި އަޅުގަނޑުމެން މަޝްވަރާކޮށް ނޫނީ އެއްވެސް ޤާނޫނެއް މަޖިލީހުން ފާސްކޮށްފަ ނޯންނާނެ އެދާއިރާއަކާ ގުޅުންހުރި ފަރާތްތަކެއްގެ މަޝްވަރާއާއި އެގެންނަންޖެހޭ ބަދަލަކީ އެދާއިރާއަށް ގެންނަންޖެހޭ ބަދަލެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކޮށްފަ ނޫނިއްޔާ. އެހެންވީމަ ސްޕްރީމް ކޯޓަށްވެސް އަދި އެނޫން ކޯޓަކަށްވެސް އަދި ކޯޓުތަކާބެހޭ ޤާނޫނަށްވެސް އެއްވެސް އިސްލާހެއް ގެނައުމަށްޓަކާ ސަރުކާރުން މިހާތަނަށް ޕީޖީ ގުރޫޕާ މަޝްވަރާ ކުރައްވާފައެއްނުވޭ" ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވިއެވެ.

ޕީޕީއެމްގެ ނާއިބްރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވީ، ޕީޕީއެމްއާ ދެކޮޅަށް ހުކުމެއް ކުރާ ކޮންމެ ފަހަރަކު ކޯޓުތަކުގެ ފަނޑިޔާރުން ބަދަލުކުރުމަކީ ޕީޕީއެމްގެ ވިސްނުމެއްނޫންކަމަށެވެ. އަދި ޕީޕީއެމުން އަބަދުވެސް މަސައްކަތްކުރާނީ ޤައުމާއި ރައްޔިތުންގެ ޚައްޤުގައިކަމަށާއި، ޤާނޫނެއް އިސްލާހު ކުރިޔަސް ކުރާނީ ޤައުމާ ރައްޔިތުންގެ ލާބައާ ފަންފާއަށްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.