ޚަބަރު

އިދިކޮޅު ފަރާތްތަކުން 1 ކެންޑިޑޭޓަކު ނެރުމުގެ ވިސްނުން ހުއްޓިއްޖެ


އިދިކޮޅު ފަރާތްތަކުން އެއްކެންޑިޑޭޓަކު ނެރުމަށް ދައްކަމުން އައި ވާހަކަ ނިމުމަކަށް އަތުވެއްޖެކަމަށް ޕީޕީއެމްގެ ނާއިބްރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއް ރަހީމް އަބްދުﷲ ބުނެފިއެވެ. ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި ވާހަކަދައްކަވަމުން އަބްދުއްްރަގީމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އެއް ކެންޑީޑޭޓަކު ނެރުމަށް މަޝްވަރާ ކުރައްވަމުން ގެންދަވަނިކޮށް، އެއްވެސް ފަރާތަކާ މަޝްވަރާ ކުރުމެއްނެތި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް އަމިއްލައަށް އިއުލާން ކުރައްވާފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުގެ މެދުގައި ބައިބައިވުން އުފެދިފައިވާކަމަށް އަބްދުއްރައީމް ވިދާޅުވިއެވެ. ސްޕްރީމް ކޯޓްގެ އަމުރު ސަރުކާރުން ތަންޒީފުކުރުމަށް ލަސްވަމުންދާ ސަބަބާގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އަބްދުއްރައީމް ވިދާޅުވީ، ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ސަރުކާރުންނާއި، ޕީޕީއެމް ކޯލިޝަނުން ފުރިހަމައަށް އިޙްތިރާމް ކުރައްވާކަަށާއި، އެހުކުމް ސަރުކާރުން ތަންފީޒު ކުރައްވާނެކަމަށެވެ. 

"މިއަދު އަޅުގަނޑަށް ހީވަނީ ރައީސް މައުމޫނަށާއި، ޝެއިޚް އިމްރާނަށާއިި، ނޫނީ އަދާލަތު ޕާޓީއަށާއި ޖުމްހޫރީ ޕާޓީއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެހެން އެމްޑީޕީގެ ވިސްނުމަކީ ކޮބައިކަން އެމީހުންގެ ފިކުރަކީ ކޮބައިކަން، އެމީހުން ބޭނުންވެގެން އުޅެނީ ކީއްކުރަންކަން. މުޅި ޤައުމު ހަލަބޮލިކަމަށް ގެނައުމަށްޓަކާ ސިޔާސީ ހުރިހާ އިދިކޮޅު ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަން ހޯއްދަވައިގެން ކިރިޔާ މަގެއް ފެނިދާނެހެން ހަމަ ހީވިއިރަށް މިއޮތީ އަސްލުފެނިފަ. އެމީހުންގެ އަސްލު ސޫރަ އެ ދައްކާލީ. އަދި ރައީސް ނަޝީދު ކުރިމަތިލާނަމޭ ވިދާޅުވާއިރު އެމަނިކުފާނަށް އެނގިވަޑައެއް ނުގަންނަވާ މިކަންކަން ހިނގާދާނީ ކިހިނެއްކަމެއްވެސް. މިހާރު އެމަނިކުފާނު އެހުންނެވި ގޮތަކުން ދިވެހިރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިހާބެއްނޫން، ކައުންސިލް އިންތިޚާބަށް ކުރިމަތިލެއްވުމަށްވެސް އެމަނިކުފާނު ޝަރުތު ފުރިހަމައެއްނުވޭ" .ޕީޕީއެމްގެ ނާއިބްރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ހެލްތު މިނިސްޓަރ، އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށް އެންމެ މުހިންމު ކަމަކީ ދިވެހި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުވެފައި އޮތުންކަމަށް މިދަނޑިވަޅުގައިވެސް ސާބިތުވަމުން އަންނަކަމަށެވެ. އަދި މުޖުތަމަޢުގެ ހަމަޖެހުން ނަގާލަން އިދިކޮޅު ފަރާތްތަކުން ކުރާ އެއްވެސް ކަމަކަށް ތަރުހީބު ނުދެއްވާނެކަން ދިވެހިރައްޔިތުން ސާބިތުކޮށްދެއްވަމުން ގެންދަވާކަން މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ. 

"މުޖުތަމައުގެ ހަމަޖެހުން ނަގާލުމަށްޓަކާ އިދިކޮޅު ފަރާތަކުން ކުރަމުންދާ އެއްވެސް ކަމަކަށް މިއަދު ތަރުޚީބެއް ނެތްކަން ދިވެހި ރައްޔިތުން އެދަނީ ސާބިތުކޮށްދެއްވަމުން. އަދި މާދަމާ ކަމެއް ކުރައްވަން އެބޭފުޅުން ރޭއްވެވިޔަސް އަޅުގަނޑަށް ޔަޤީން ހަމަ ފަނުފުލުން ހަމަ ދާނެކަން. ރައްޔިތުން ބޭނުންވަނީ ހަމަޖެހުމާއެކު މިއަދު އެމީހުންނަށް ލިބިފައިވާ ތަރައްޤީއާއި ކުރިއެރުމާއެކު ކުރިއަށްދާން. އަޅުގަނޑުމެންގެ ޕާޓީންނާއި، ސަރުކާރުން ރައްޔިތިތުންނަށް ދަންނަވަން ބޭނުންވަނީ ސާބިތުމަކާއެކު ތިއްބަވާށޭ، ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ވަރަށް ސާބިތުކަމާއެކުގަ ޤައުމަށް ހިދުމަތް ކުރެއްވުމުގައޭ. ޤައުމަށް ދިމާވި މިފަދަ ކޮންމެ ހުތޫރައްތެރި ދަނޑިވަޅެއްގައި އެމަނިކުފާނު ދައްކަވައިދެއްވާފައިވަނީ ތިމަން މަނިކުފާނުގެ ކުރިފުޅުމަތީގައި އެންމެ މުހިންމީ ދިވެހި ރައްޔިތުންކަން." ހެލްތު މިނިސްޓަރ، އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ.