ކުޅިވަރު

ބޯންމޮތް އަތުން ބަލިވެ، ޗެލްސީއަށް ނުތަނަވަސްކަން!


ޗެލްސީއަށްވުރެ ރޭގެ މެޗުން މޮޅުވާން ހައްޤު ޓީމަކީ ބޯންމޮތްކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ. 

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބޯންމޮތް އަތުން 3-0 ން ބަލިވި މެޗަށްފަހު ކޯޗު ކޮންޓޭ ބުނީ މެޗުން ބަލިވުމުން މާގިނަ ބަހަނާ ދައްކަން ބޭނުންނުވާކަމަށާއި، މި މެޗުން މޮޅުވާން ޗެލްސީއަށް މާ ބޮޑު ކަމެއް ނުކުރެވުނުކަމަށެވެ. ހުރިހާ ގޮތަކުންވެސް މޮޅަށް ކުޅުނީ ބޯންމޮތުކަމަށާއި، މިއީ އައު ހިތްވަރަކާއިއެކު ޗެލްސީ ފަށަންވީ ވަގުތުކަމަށް ކޮންޓޭ ބުންޏެވެ. 

ބޯންމޮތުގެ ކޯޗު އެޑީ ހޯވް ބުނީ މިއީ މިހާތަނަށް ޕްރިމިއަރ ލީގުގައި ބޯންމޮތުން ހޯދި އެންމެ ފާހަގަކޮށްލެވޭ މޮޅުކަމަށެވެ. މީގެ ކުރިން ބޯންމޮތާއިއެކު މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލް އަދި އާސެނަލްވެސް ބަލިކޮށްފައިވާ ކޯޗު ބުނީ ބޮޑު ޓީމެއް ބަލިކޮށް ބައިކޮޅަށް ލަނޑެއް ވައްދާނުލައި ނިންމާލެވުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށެވެ. ރޭގެ މެޗަކީ ޗެލްސީ ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗެވެ. އަދި ބޯންމޮތު އެންމެ ފަހުން ކުޅުނު ހަ މެޗުގައި ބަލިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.