ކުޅިވަރު

ޓޮޓްނަމް އަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލި


ޕްރިމިއަރ ލީގުގެ މެޗަކަށް މިހާތަނަށް އެންމެ ގިނަ ސަޕޯޓަރުން ވަތް މެޗުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެއެވެ. 

ލީގުގައި ރޭ ޓޮޓްނަމާއި މެންޗެސްޓާރ ޔުނައިޓެޑް ވާދަކުރި މެޗް ޓޮޓްނަމް ކާމިޔާބުކުރީ ދޭއް ސުމަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ކްރިސްޓިއަން އެރިކްސަން ޖެހީ 11 ވަނަ ސިކުންތުގައެވެ. މިއީ ޕްރިމިއަރ ލީގުގެ ތިންވަނައަށް އެންމެ އަވަސް ލަނޑެވެ. އެޓީމްގެ ދެވަނަ ލަނޑަކީ ޔުނައިޓެޑްގެ ޖޯންސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. 

މެޗަށްފަހު ޓޮޓެންހަމްގެ ކޯޗު މައުރިސިއޯ ޕޮޗެޓީނޯ ބުނީ އެޓީމަކީ ލީގަށް ވާދަކުރެވޭ ފެންވަރުގެ ޓީމެއްކަން މިހާރު އެންމެންނަށް ސާބިތުވެއްޖެކަމަށެވެ. ޔުނައިޓެޑް ކަހަލަ ވަރުގަދަ ޓީމެއް ބަލިކުރެވޭނީ ޓީމެއްގެ ގޮތުގައި ތަފާތު ދައްކައިގެންކަމަށާއި، މިއީ ލީގުގައި ޓޮޓްނަމުން އެންމެ މޮޅަށް ކުޅުނު މެޗުކަމަށެވެ. 

މެޗުން ބަލިވި ޔުނައިޓެޑްގެ ކޯޗު ޚޯސޭ މޮރީނިއޯ ބުނީ މެޗަކުން މޮޅުވެވޭނީ ގޯލް ޖަހައި، ބައިކޮޅަށް ވަންނަ ލަނޑު ހުއްޓުވައިގެންކަމަށާއި، މި ދެކަމުން އެއްކަމެއްވެސް ޔުނައިޓެޑަށް ނުވިކަމަށެވެ. ރޭގެ މެޗަކީ އާސެނަލުން ޔުނައިޓެޑަށް ބަދަލުވި ސަންޗޭޒް ލީގުގައި ޔުނައިޓެޑަށް ކުޅުނު ފުރަތަމަ މެޗެވެ.