ޚަބަރު

ނޯ ޓޮބޭކޯ ޑޭ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި


ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަސް ނުވަތަ ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަކީ ކޮންމެ އަހަރެއްގެ "ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދެއްވާ ޢިނާމެކެވެ. މި އަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ޝިއާރަކީ "ޓޮބޭކޯ އެންޑް ހާޓް ޑިޒީޒް" ނުވަތަ ދުންފަތާއި ހިތުގެ ބަލިތަކެވެ.

މި ޢިނާމު ދެއްވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށާއި މި މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައެވެ.

މިގޮތުން ދުންފަތް ކޮންޓްރޯލް ކޮށް ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރައްވާ ފަރާތްތަކާއި، ދުންފަތާ ދެކޮޅަށް މަސައްކަތްތައް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި އިދާރާތަކުން މި ޢިނާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާފައިވާކަމަށް ހެލްތްމިނިސްޓްރީން ބުނެއެވެ. 

ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަށް ކުރިމަތިލެއްވުމަށް ނުވަތަ އެހެން ފަރާތެއްގެ ނަން ހުށަހެޅުއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން އަންނަ މާރޗް މަހުގެ ނުވަ ވަނަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން ފޯމް ފުރިހަމަ ކުރުމަށްފަހު ޑަބްލިއު އެޗް އޯ ގެ ރީޖަނަލް އޮފީހަށް ހުށަހެޅުމަށް ހެލްތްމިނިސްޓްރީން ބުނެއެވެ. 

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ އެވޯޑް އަށް ކުރިމަތިލާ ފޯމް ހެލްތް މިނިސްޓްރީގެ ކައުންޓަރުންނާއި މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެކަމަށް ހެލްތްމިނިސްޓްރީން ބުނެއެވެ.