ކުޅިވަރު

އައުބަމަޔަންގ އާސެނަލްއަށް ބަދަލުވެއްޖެ


ކުލަބުގެ ރެކޯޑް ފީއެއްގެ ގޮތުގައި ބޮރޫޝިޔާ ޑޯޓްމުންޑްގެ ފޯވާޑް ޕިއެރ އެމްރިކް އައުބަމަޔަންގ އާސެނަލަށް ބަދަލްވެއްޖެއެވެ. 

އިނގިރޭސީ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އައުބަމަޔަންގ ބަދަލުވީ 79.2 މިލިއަން ޑޮލަރުގެ ފީއަކަށެވެ. އާސެނަލަށް ސޮއިކުރުމަށްފަހު އައުބަމަޔަންގ ބުނީ މުއްސަނދި ތާރީޚެއް އޮތް ބޮޑު ކުލަބަކަށް ބަދަލުވެވުމުން ހިތްހަމަޖެހިފައި ހުރިކަމަށާއި، އަދި އާސެނަލަށް ކުޅެން ކެތްމަދުވެފައިހުރިކަމަށެވެ. 

ޖެނުއަރީ ޓްރާންސްފަރ ނިންމާލިއިރު އާސެނަލުން ވަނީ ތިން ކުޅުންތެރިން އެޓީމަށް ގެނެސްފައެވެ. އެއީ މެންޗެސްޓަރ ޔުނައިޓެޑްގެ ހެންރިކް މިކިތާރްޔާންއާއި، އައުބަމަޔަންގ އަދި ގްރީސްގެ ޒުވާން ޑިފެންޑަރ މެވްރޮޕާނޯސްއެވެ. އައުބަމަޔަންގ ވަނީ އޭނާ ބުންޑަސްލީގާގައި ކުޅުނު 144 މެޗުގައި 98 ލަނޑު ޖަހާފައެވެ. އަށާވީސް އަހަރުގެ ފޯވާޑަކީ ގެބޮންގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ފޯވާޑެވެ. އަދި 2015 ވަނަ އަހަރު އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް އައުބަމަޔަންގ ހޯދިއެވެ. އަދި އޭނާއަކީ 2016 ވަނަ އަހަރުގެ ޖަރުމަން ބުންޑަސްލީގާގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.