ކުޅިވަރު

ނިއުރޭޑިއަންޓް ބަލިކޮށް، ރައީސް އޮފީސް ޗެމްޕިއަންކަން ހޯދައިފި


ޤައުމީ ޓީޓީ މުބާރާތުގެ ޓީމްއިވެންޓްގެ ޗެމްޕިއަންކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިޖުތިމާއީ ކްލަބް ހޯދައިފިއެވެ.

 ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އެޓީމް ހޯދީ ރޭ ކުޅުނު ފައިނަލްގައި ނިއުރޭޑިއަންޓްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ރާއްޖޭގެ ކުޅިވަރުގެ އެންމެ ބޮޑު އެންމެ ކާމިޔާބު އެއް ކްލަބްކަމަށްވާ ނިއުރޭޑިއަންޓްގެ މައްޗަށް ރައީސް އޮފީހުގެ އިޖްތިމާއީ ކްލަބް ކުރި ހޯދީ ތިނެއް އެކަކުންނެވެ. 

މުބާރާތުގެ ސޯޅަ އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމްއެވެ. ރަފާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ފާތިމަތު ދީމާ އަލީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފުރަތަމަ ފަހަރަށް ޤައުމީ މުބާރާތުގައި ވާދަކުރި ދީމާއަކީ ސްރީލަންކާގައި ދިރިއުޅެމުންދާ ކުޅުންތެރިއެކެވެ.

img:http://s2.psmnews.mv/images/660x400/15174624699129.jpg|އަންހެން ޓީމް އިވެންޓްގެ ތަށި ރަފާއާއި ހިންނަވަރު ޓީމްގެ ކުޅުންރިން ލިބިގަންނަނީ: ފޮޓޯ-ޕީއެސްއެމް

 ރޭގެ މެޗަށް ނިކުތުމުގެ ކުރިން ރަފާ ވަނީ މުއީނާ މުޙައްމަދު ބަލިކޮށް، އޯޕަންސް ސިންގަލްސް ޗެމްޕިއަންކަން ދިފާއުކޮށްފައެވެ. ޑަބަލްސްއާއި، މިކްސް ޑަބަލްސްގެ ޗެމްޕިއަންކަންވެސް ހޯދީ ރަފާގެ ޕެއަރއެވެ. މީގެ އިތުރުން ރަފާ ވަނީ ފުރަތަމަ ޑިވިޝަންގެ އަންހެން ޓީމް އިވެންޓްގެ ޗެމްޕިއަންކަން ހިންވަރު ހައިނަސްއާއެކު ހޯދާފައެވެ.