ޚަބަރު

ޘާނަވީ އިމްތިހާނުގެ ކާމިޔާބީ ފާހަގަކުރުމަށް ޚާއްސަހަރަކާތެއް


މިދިޔަ އަހަރު ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން، ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ޚާއްޞަ ޙަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.

މާދަމާ ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ޙަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މިރޭގެ ފަތިސްނަމާދުންނެވެ. އެގޮތުން ސްކޫލުތަކުގައި ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދަށްފަހު ކީރިތި ޤުރުއާން ޚަތިމްކުރުމުގެ ޚާއްޞަ ޙަރަކާތްތަކެއް ސްކޫލްތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި ހެނދުނު 7 ޖަހާއިރު، ސްކޫލްތަކުގައި ޚާއްޞަ އެސެމްބްލީއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މި އެސެމްބްލީއަށްފަހު، ދަރިވަރުންގެ ޚާއްޞަ ޙަރަކާތްތަކެއްވެސް ސްކޫލްތަކުގައި ކުރިއަށްދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މިދިޔަ އަހަރު ރާއްޖޭގެ ސްކޫލްތަކުން ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާންތަކުގައި 5467 ދަރިވަރުން ބައިވެރިވެފައިވާއިރު މީގެ ތެރެއިން 5 މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް %77 އަށް އަރާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. މިނަތީޖާއަކީ ތަޢުލީމީ ދާއިރާގައި ޒަމާނުއްސުރެ ޙާޞިލްކުރަން ކަނޑައަޅާފައިވާ 60 އިން ސައްތައިގެ ލަނޑުދަނޑިއަށްވުރެ 17 އިން ސައްތައިގެ ކުރިއެރުމެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ޘާނަވީ ތަޢުލީމު ފުރިހަމަކޮށް ނުކުންނަ ކޮންމެ ކުއްޖަކީ މަތީޘާނަވީ ތަޢުލީމަށް ޤާބިލް ކުއްޖަކަށް ހެދުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސިޔާސަތުގެ ދަށުން، ޘާނަވީ ތަޢުލީމުގެ މަރުޙަލާ ފުރިހަމަކުރާ ކޮންމެ ކުއްޖަކީވެސް މަދުވެގެން 3 މާއްދާއިން “ސީ” ފާސް ނުވަތަ އެފެންވަރުގެ ފާހެއް ލިބިފައިވާ ދަރިވަކަށް ހެދުމަށް ކުރެވޭ މަސައްކަތަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައިވާކަމަށެވެ. އެގޮތުން 2016 ވަނަ އަހަރު މިއަދަދު 79 އިންސައްތަގައި ހުރިއިރު 2017 ގައި މިއަދަދު 92.89 އިންސައްތައަށް މަތި ކުރެވިފައިވާކަމަށެވެ.