ޚަބަރު

އޯލެވެލް ނަތީޖާ އޮޅުވާލިކަމަށްބުނެ ދައްކަނީ ދޮގު ވާހަކަތަކެއް!


އޯލެވެލް އިމްތިހާނުން ދަރިވަރުން ފާސްވި ނިސްބަތް ވަޒަންކުރަނީ، އިމްތިހާނުގައި ދަރިވަރުން ބައިވެރިވި ނިސްބަތާއި ފާސްވި ނިސްބަތަށް ބެލުމަށްފަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އިދިކޮޅު ފަރާތްތަކުން އޯލެވެލްގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން، އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވީ، މީގެ ކުރިން ތައުލީމީ ސިޔާސަތު ބަންޓަންކޮށްފައި އޮތްގޮތުން، ގިނަ ދަރިވަރުން އޯލެވެލް ނިންމާލާއިރު، ފާސްވާ ނިސްބަތް ދައްކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންނަވަމެސް ތަޢުލީމީ ނިޒާމުގެ ތެރެއަށް ބަދަލުތަކެއް ގެނެވި، ދަށް ނަތީޖާ ހޯދާ ދަރިވަރުންނަށް ބޭނުންވާ ތަމްރީނާއި ހުނަރުތައް ތަރައްޤީކުރުމަށް ހިންގާ ޕްރޮގްރާމްތައް ހިމެނޭގޮތަށް ސްޓްރީމް ތާރަފްކުރުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އަދި މަސައްކަތާއި ހުނަރުގެ ސްޓްރީމް ކިޔަވާ ދަރިވަރުންނަށް ސްކޫލް ނިމޭއިރު އޯލެވެލްގެ ހަތަރު މާއްދާއާ އެއްފެންވަރެއްގެ ފާސް ލިބޭ ތަމްރީނުތަކެއް ލިބޭނެކަމަށެވެ.

ޝަފީއު ވިދާޅުވީ މިގޮތަށް ތަޢުލީމީ ނިޒާމް ބައްޓަންކޮށްފައިވަނީ ހުރިހާ ދަރިވަރުންނަކީވެސް ސްކޫލް ނިމޭއިރު ކާމިޔާބު، މަސައްކަތާއި ހުނަރު ދަސްވެފައި ތިބި ދަރިވަރުންތަކަކަށް ހެދުމަށް ކުރެވުނު މަސައްކަތުންކަމަށެވެ. އަދި އޯލެވެލްގެ ނާތީޖާ ބަލާފައިވަނީ އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންގެ ހިމެނޭގޮތަށް ބެލުމަށްފަހުކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ޝަފީއު ވިދާޅުވީ ކޮންމެ ކުއްޖަކީވެސް ކަނޑައެޅިފައިވާ މާއްދާތަކުގައި ބައިވެރިކޮށްގެން އިމްތިހާނު ހަދާފައިވާ ދަރިވަރުންކަމަށެވެ. އަދި ތަޢުލީމީ ނިޒާމެއްގެ ފެންވަރު ރަނގަޅުކުރުމަށްޓަަކައި ކުރަންޖެހޭ އެންމެ މުހިންމުކަމަކީ އެދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ ފުރުޞަތުތައްކަމަށާއި، އެފުރުޞަތުތައް ސަރުކާރުން ފޯރުކޯށްދެމުންދާކަމަށެވެ. ދަރިވަރުންގެ ނަތީޖާތަކަށް ބަލާއިރު ވަކިވަކި މާއްދާތަކުން ފާސްވި ދަރިވަރުންގެ ނިސްބަތް އަހަރުން އަހަރަށް އިތުރުވަމުންދާކަމަށްވެސް ޝަފީޢު ވިދާޅުވިއެވެ.