ކުޅިވަރު

ޗެކަށް ހެދުނު ގޯހަކާއެކު ސްވަންސީ އަތުން އާސެނަލް ބަލިވެއްޖެ


ޕްރިމިއަރ ލީގުގެ ފުލުގައި މިދިޔަ ތިން މަހު އޮތް ސްވަންސީ އަތުން އާސެނަލް ބަލިވެއްޖެއެވެ. 

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ސްވަންސީ ސިޓީ އަތުން އާސެނަލް ބަލިވީ 3-1 ނެވެ. މެޗުން ސްވަންސީ މޮޅުވީ އާސެނަލުން ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ތިން ގޯލު ޖަހައިގެންނެވެ. އާސެނަލްގެ ގޯލް ކާމިޔާބުކޮށްދިނީ ނަޗޯ މޮންރެއާލްއެވެ. 

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްވަންސީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ސޭމް ކްލޫކަސްއެވެ. ކީޕަރު ޕީޓަރ ޗެކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ދެވަނަ ހާފުގައި ސްވަންސީއަށް ލީޑު ނަގައިދިނީ ޖޯޑަން އަޔޫއެވެ. ސްވަންސީގެ ފަހު ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ޖަހައިދިނީ ކްލޫކަސްއެވެ. ރޭގެ މެޗަކީ ޔުނައިޓެޑުން އާސެނަލަށް ބަދަލުވުމަށްފަހު ހެންރިކް މިކިތާރްޔާން އާސެނަލަށް ކުޅުނު ފުރަތަމަ މެޗެވެ. 

މި މެޗުން މޮޅުވެ ސްވަންސީ ރެލިގޭޝަން ޒޯނުން ނިކުމެ ތާވަލްގެ 16 ވަނައަށް ޖެހިލިއިރު، އާސެނަލް އޮތީ ތާވަލްގެ ހަވަނައިގައެވެ. ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަދި ވެސްޓްހަމް ޔުނައިޓެޑް ވާދަކުރި މެޗު ނިމުނީ އެކެއް އެކަކުން ދެ ޓީމް އެއްވަރުވެގެންނެވެ.