ވިޔަފާރި

އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 67 މިލިއަން ރުފިޔާ ލިބިއްޖެ


އެމްޓީސީސީއަށް ހުސްވި އަހަރުގެ ފަހު ކުއާޓަރގައި ލިބުނު ސާފު ފައިދާގެ މިންވަރު ފަސްދޮޅަސް ފަހެއް އިންސައްތަ އިތުރު ވެއްޖެއެެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއިން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓަރގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުއޓަރގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި ފަސްދޮޅަސް ހަތް މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ދެހާސް ސޯޅަ ވަނަ އަހަރުގެ ފަހު ކުއޓަރގައި ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ލިބިފައިވަނީ ސާޅީސް މިލިއަން ރުފިޔާއެވެ.

ހުސްވި އަހަރުގެ ފަހު ކުއާޓަރގައި އާމްދަނީގެ ގޮތުގައި ތިންސަތޭކަ އަށްޑިހަ ފަސް މިލިއަން ރުފިޔާ އެމްޓީސީސީއަށް ލިބިފައިވާއިރު، ކުންފުނި ހިންގައިގެން އަށްޑިހަ ހަތަރު މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައެވެ.

އެމްޓީސީސީންވަނީ ހުސްވި އަހަރުގެ ފަހު ކުއާޓަރގައި ތިރީސް ހަތަރު މަޝްރޫއެއްގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ. އަދި ބާރަ މަޝްރޫއެއްގެ މަސައްކަތް އެމުއްދަތުގެ ތެރޭގައި ނިންމާލާފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.