ޚަބަރު

"ފައިސާ ނުދައްކާތީ އެހެން ކުންފުނިތަކަށް ގެއްލުންވޭ"


ރާއްޖޭގެ އިޤްތިޞާދަށް މިހާރު އޮތް އެންމެ ބޮޑު އެއް ބިރަކީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ޓެކްސް ނުދައްކާ ކުންފުނިތަކުގެ ސަބަބުން އެހެން ވިޔަފާރިތައް ހަލާކުވެގެން ދިއުމުގެ ބިރު ކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނާއިބުރައީސް އަދި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދުގައި ހަރަކާތްތެރިވާ ގިނަ ވިޔަފާރިތަކަކީ ބަރާބަރަށް ޓެކްސް ދައްކާ ފަރާތްތައްކަމަށެވެ. އެހެން ނަމަވެސް ދައުލަތަށް ދައްކަންޖެހޭ ޓެކްސްއާއި ކުއްޔާއި ފީތައް ނުދައްކާ ޤަވާއިދާ ޚިލާފަށް ހިންގާ ކުންފުނިތަކުގެ ސަބަބުން އެހެން ކުންފުނިތައް ހަލާކުވެދާނެކަމުގެ ބިރުވެރިކަން ކުރިމަތިވާކަމަށެވެ.

"އަޅުގަނޑުމެންގެ ޓޫރިޒަމްވެސް ބިނާވެފައި މިއޮތީ އަޅުގަނޑުމެން ދޭ ޚިދުމަތާއި، ސޭފްޓީއާއި ސެކިއުރިޓީގެ މައްޗަށް. މީއެޗިހިތައް ކޮންމްޕްރޮމައިޒް ވާގޮތަށް އޮޕަރޭޓްކުރާ ކުންފުނިތަކަށް ފުރުސަތުދިނުމަށް އެއްވެސްބަޔަކު މަސައްކަތް ކޮށްގެން ނުވާނެ. އެތަންތާގެ މުވައްޒަފުންވެސް އެގޮތަށް ފުރުސަތު ދެއްވައިގެން ނުވާނެ" މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

ވަކި ކުންފުންޏަކާ ޒާތީގޮތުން ޖައްސާލައިގެން އެކުންފުނީގެ ފަހަތުން މުޅި ދައުލަތުން ނުދުވާނެކަމަށާއި ވިލާ ގްރޫޕްގެ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން މުޅި ދައުލަތަށް 13 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުންވެފައިވާކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކަންވެގެން ސަރުކާރު ބަދަލުކޮށް ކޮންމެ ސަރުކާރަކާއެކު ސެޓްލްމެންޓް އެގްރީމެންޓް ހެދުމުގެ ވިސްނުން ދޫކޮށްލުމަށް މިނިސްޓަރ ޒަމީރު ގޮވާލެއްވިއެވެ.

"ރާއްޖޭގެ އިޤްތިޞާދުގެ ޙައްޤުގައި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތަކެއް ކުރަންޖެހޭނެ. އެފިޔަވަޅުތައް އަޅުގަނޑުމެން އަޅަންޖެހޭނެ. އެފިޔަވަޅުތައް އަޅަމުން ގެންދާނެ. އެހެން ނޫނިއްޔާ މާދަމާ 10 ކުންފުނިން ނުކުމެ ޓެކްސް ނުދައްކައިފިއްޔާ ދެން އަޅުގަނޑުމެން ކިހިނެއްތޯ ހަދާނީ؟" މިނިސްޓަރ ޒަމީރު ސުވާލު ކުރެއްވިއެވެ.

މީރާއަށް ވޭތުވެދިޔަ 4 އަހަރުގެތެރޭގައި ރާއްޖޭގެ ވިޔަފާރިތަކުން ދައްކާފައިވާ ޓެކްސްގެ ޢަދަދަށް ބަލައިލުމުންވެސް 4 އަހަރުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދު ކުރިއަރާފައިވާ މިންވަރު އަންދާޒާ ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 20 އިންސައްތައާއި 33 އިންސައްތައާ ދެމެދުގެ ހިފެހެއްޓުމެއްގައި ރާއްޖޭގެ ވިޔަފާރިތައް 4 އަހަރުގެ ތެރޭގައި ކުރިއަރާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.