ކުޅިވަރު

އިމްރާނުގެ ބަދަލުގައި ނިއުގެ ކެޕްޓަނަކަށް އަޝްފާޤު


އިމްރާނުގެ ބަދަލުގައި ނިއުރޭޑިއަންޓްގެ ކެޕްޓަނަކަށް އަލީ އަޝްފާޤު ( ދަގނޑޭ ) ހަމަޖައްސައިފިއެވެ. 

މިދިޔަ ސީޒަނާއި އޭގެކުރިންވެސް ނިއުގެ ކެޕްޓަންކަންކޮށް ކާމިޔާބު ހޯދާފައިވާ ޤައުމީ ޓީމްގެ ކުރީގެ އެއްވަނަ ކީޕަރު އިމްރާނު މުޙައްމަދު ހުއްޓާ އަޝްފާޤަށް ކެޕްޓަން ބޭންޑް ދިނީ އިމްރާނުވެސް އެގޮތް ބޭނުންވެގެންކަމަށް މައުލޫމާތުލިބެއެވެ. އަޝްފާޤަކީވެސް ކުރިން ނިއުރޭޑިއަންޓްގެ ކެޕްޓަންކަންކޮށް އެކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. ޤައުމީ ކެޕްޓަން އަޝްފާޤު މިދިޔަ ސީޒަންގެ މެދުތެރެއިން ނިއުއާ ގުޅުނު އިރު ނިއުރޭޑިއަންޓުން ވަނީ އިމްރާނާ ކެޕްޓަންގެ ޒިންމާ ހަވާލުކޮށްފައެވެ.

 ނިއުގެ ސީނިއަރ ވައިސް ކެޕްޓަނަކަށް ހަމަޖެއްސީ މިދިޔަ ސީޒަންގައިވެސް އެޒިންމާ އަދާކުރި އަލީ ފާސިރު ( ސެންޓޭ ) އެވެ. ޓީމްގެ ވައިސް ކެޕްޓަނަކީ މިދިޔަ ސީޒަންގައި ނިއުގައި ދެއްކި މޮޅު ކުޅުމާއެކު އަލުން ޤައުމީ ޓީމުން ޖާގަ ހޯދި އަކަރަމް އަބްދުލް ޣަނީއެވެ. މިތިން ކުޅުންތެރިންނަކީވެސް މީގެކުރިންވެސް ނިއުއަށް ކުޅެ އެކްލަބް ހޯދި ބޮޑަތި ކާމިޔާބީތަކުގައި މުޙިއްމު ދައުރެއް އަދާކުރި ކުޅުންތެރިންނެވެ. މީގެތެރެއިން އަޝްފާޤަކީ ވީބީގެ ކެޕްޓަން ބޭންޑް އަޅައިގެން އެކްލަބާއެކުވެސް ގިނަ ކާމިޔާބީތަކެއް ހޯދި ކުޅުންތެރިއެކެވެ. އޭނާއާއި ޤައުމީ ޓީމްގެ ކެޕްޓަން ބޭންޑް ހަވާލުކުރީ 2006 ވަނަ އަހަރުއެވެ.