ހަތަރު އަހަރު

"ދެ މީހަކު އެއްވެގެން ރައީސުލްޖުމްހޫރިއްޔާ އަޒުލެއް ނުކުރެވޭނެ"


ދެމީހަކު އެއްވެގެން ރައީސުލްޖުމްހޫރިއްޔާ ޢަޒުލު ކުރުމަކީ ކުރެވޭނެ ކަމަށް ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ހަތަރު ލީޑަރަކު އެއްވެގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު މަޤާމުން ދުރުކޮށް ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ޕީއެސްއެމްނިއުސްގެ އުއްމީދާއި ކުރިއެރުން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމުން ދުރުކުރުމަށް، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި ބޭފުޅުންނަށް އެ މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"ހަމަ ރަނގަޅަށް އެބަ އެނގިވަޑައިގަންނަވާ އިންތިހާބެއްގައި ވާދަކުރައްވައިގެން ރައީސް ޔާމީން ބަލި ނުކުރެއްވޭނެކަން. އެ ބޭފުޅުން ހިނގައިދާނެ ތިއަށްވުރެން ބޮޑެތި ކަންތައްތައް ވެސް ކުރައްވަން ސުޕްރީމް ކޯޓަށް،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ދުރު ކުރެވޭނެ ޙާލަތްތައް ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އޭގެތެރޭގައި ރައީސްގެ މަޤާމުގައި ހުންނަ ބޭފުޅަކު އިސްލާމް ދީނުގެ އަސްލަކާ ޚިލާފުވުމާއި މަޤާމުގައި ހުރެ ކުރަން ނުވާވަރުގެ ކަމެއް ކުރުމާއި މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ޤާބިލިއްޔަތު ނެތުން ހިމެނޭ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އެގޮތުން ޢަބްދުއްރަޙީމް ވިދާޅުވީ އިދިކޮޅު ފަރާތްތައް އެކުވެގެން އެ ކުރަނީ އެއްވެސް ތާކުން ތާކުން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ރައީސް ޔާމީން މަޤާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތައް ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅީ މިއަދުއެވެ. ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅައި ދެބައިގެ އަޣުލަބިއްޔަތުންނެވެ.

މިދިޔަ އަހަރުގެ މޭ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ފަހު ބަސް ބުނާނީ އެ ކޯޓުން ކަމަށެވެ.

އެގޮތުން ރައީސުލްޖުމްޙޫރިއްޔާ އަދި ރައީސުލްޖުމްޙޫރިއްޔާގެ ނާއިބު ވަކިކުރުމުގެ މައްސަލަތަކާއި ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަތަކާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައިވެސް ފަހުބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.