ދުނިޔެ

ކާބުލްގައި ދިން ޙަމަލާ ސަރުކާރުން ކުށްވެރިކުރައްވައިފި


އަފްޣާނިސްތާނުގެ ކާބުލްގައި އިއްޔެ ދިން ނުރައްކާތެރި ބޮމުގެ ޙަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ކާބުލްގައި ކުށެއް ނެތް އެތައް ބަޔަކު މަރުވި ނުރައްކާތެރި ޓެރަރިސްޓު ޙަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އިއްޔެ ބޮމުގެ ހަމަލާއެއް ދީފައިވަނީ ގޮވާތަކެތި ހަރުކޮށްފައި ހުރި އެމްބިއުލާންސްއެއް ބޭނުންކޮށްގެނެވެ. މީހުން ގިނަ ސަރަޙައްދެއްގައި ދިން މި ޙަމަލާގައި މަދުވެގެން 95 މީހުން މަރުވެ، 158 މީހަކު ޒަޚަމްވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

މިއީ މިދިޔަ އަހަރުގެ މޭމަހު އަފްޣާނިސްތާނުގައި ހުންނަ ޖަރުމަނު އެމްބަސީ ކައިރީގައި ދިން ބޮމުގެ ހަމަލާއަށްފަހު، ދިން އެންމެ ނުރައްކާތެރި ޙަމަލާއެވެ.

މިޙަމަލާގެ ޒިންމާ ތާލިބާން ޖަމާޢަތުން ނަގާފައިވާއިރު، އެޖަމާޢަތުން ވަނީ މިދިޔަ ހަފްތާތެރޭގައި ކާބުލްގައި ހުންނަ ހޮޓަލަކަށް ހަމަލާދީ 12 މީހަކު މަރާލާފައެވެ.