ޗެކް ރިޕަބްލިކްގެ ރައީސް މިލޮސް ޒެމަން، ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ.
އިންތިޚާބުގެ ދެވަނަ ބުރު ޒެމަން ކާމިޔާބުކުރެއްވީ %51.4 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި ކެންޑިޑޭޓަށް ލިބިވަޑައިގަތީ %48.6 ވޯޓެވެ.
އުމުރުފުޅުން 73 އަހަރުގެ ޒެމާން ފާހަގަވެފައިވަނީ ޔޫރަޕިއަން ޔޫނިއަން، އީޔޫއާ ދެކޮޅު، ޗައިނާ އަދި ރަޝިޔާއާ ގާތް ބޭފުޅެއްގެ ގޮތުގައެވެ. މީގެ އިތުރުން އޭނާއަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ތާޢީދުކުރާ ބޭފުޅެކެވެ.
2013 ވަނަ އަހަރު ޗެކް ރިޕަބްލިކްގެ ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން، ޒެމަން ވަނީ 1998 އިން 2002 ވަނަ އަހަރަށް އެޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމުވެސް އަދާކޮށްފައެވެ.
ޒެމަން ދެވަނަ ދައުރަކަށް ރައީސްކަމުގެ ހުވާކުރެއްވުން އޮންނަނީ މާޗުމަހުގެ 8 ވަނަދުވަހުއެވެ.