ރިޕޯޓް

ކަސަބު ލިބާސް އުފެއްދުމުގެ މަސައްކަތް ދިރުވަންޖެހޭ


ކަސަބު ބޯވަޅު އެޅި ދިވެހި ލިބާހަކީ އިހުޒަމާނުއްސުރެ ދިވެހި އަންހެނުންގެ މައިގަނޑު އެއްހެދުމެވެ. މިއީ ދިވެހި އަންހެނުންގެ ރީތިކަމާއި ފަރިކަން އެންމެ ފުރިހަމައަށް ދައްކުވައިދޭ ހެދުމެއްކަމަށް ޒަމާނުއްސުރެ ދިވެހިން ޤަބޫލުކުރެއެވެ.

ބުރަ އެހާމެ ކަވި މަސައްކަތުން ތައްޔާރުކުރެވޭ މި ހެދުން އުފައްދާމީހުންނަކީ އެކަމުގެ ހުނަރު ލިބިފައިވާ ޚާއްސަބައެެކެވެ. ދިވެހިންގެ ހުނަރުވެރިކަން ފެންނަ މިމަސައްކަތް މިއަދާއި އަންނަން އޮތް ޖީލުތަކަށް ވާޞިލުކޮށްދުމަކީ ކުރަންޖެހޭކަމެކެވެ. 

ދިވެހި އަންހެނުން ކަސަބުބޯވަޅުއެޅި ދިވެހި ލިބާސް ލާންފެށި ދުވަސްވަރެއް ތާރީޚުން އެނގޭކަށްނެތެވެ. އެހެންނަމަވެސް ސޯޅަ ވަނަ ޤަރުނުގައި، ޕޯޗްގީޒުން ރާއްޖެ ހިފައިގެން އުޅުނު ދުވަސްވަރު ދިވެހި އަންހެނުން މިގޮތަށް ލިބާސްލައި އުޅުނުކަން ތާރީޚީ ފޮތްތަކުން ހާމަވެއެވެ. 

ދިވެހި ލިބާހުގެ ތެރޭގައި ކަސަބުބޯވަޅުއެޅި ލިބާހާއި، އާދައިގެ ހިރު ބޯވަޅުގައި އަޅާ ފަރުމާކޮށްފައިހުރި ލިބާހުގެ އިތުރަށް ފޮތި ބޯވަޅު ލިބާސް ހިމެނެއެވެ. ދިވެހިން އަންހެނުން ބޯވަޅު އެޅި ލިބާސް ލަމުން އައިސް އެލިބާސް ލުން މަދުވީ، ދެވަނަ ބޮޑުހަނގުރާމައިގެ ތަދުމަޑުކަން ރާއްޖެ ފޯރުމުންކަމަށް ތާރީޚު ބުނެއެވެ. 

އެހިސާބުން ކަސަބު ބޯވަޅުގެ ބަދަލުގައި ފޮތި ބޯވަޅު ތަޢާރަފްވިއެވެ. ފޮތި ބޯވަޅަކީ ކަސަބު ބޯވަޅުގެ ބަދަލުގައި، އެ ހެދުމެއްގެ ކުލައާއި ގުޅުވާ، މާޖެހި،  ޓެޓްރޯން ފޮތި ބޭނުންކޮށްގެން ހަދާ ވަކި ގޮތަކަށް ފަރުމާ ކޮށްފައިވާ ބޯވަޅެކެވެ. މި ފޮތި ހެދުމުގެ އަތުކުރީގައިވެސް ބޭނުންކުރެއެވެ. ބޯވަޅުއެޅި ލިބާހަކީ އިހުޒަމާނުއްސުރެ ދިވެހި އަންހެނުން ލައިއުޅުނު ހެދުމުގެ މަތީބައެވެ. ފުރިހަމަ ހެދުމަކީ ބޯވަޅުއެޅި ލިބާހާއި ފޭލި ނުވަތަ ކަނޑިއްކާއި ބޮލުރުމާއެވެ. 

މިހެދުން ފަހައި އުޅުނީ ރާއްޖޭގައި ފޭރާންކުރާ ފޮއްޗާއި ބޭރުންގެންނަ ފޮތިންނެވެ. ފޭލި ވިޔެ އުޅުނުނީ ރާއްޖޭގައެވެ.

ލިބާހުގެ ބޯވަޅަކީ ލިބާހުގެކަރު ވަކި ސިފައަކަށް ކަނޑައިފައި ހުންނަ އިރު، އެކަރުގެ މަތީކައިރިން ފެށިގެން ވަށައިގެން ތިރިއަށް ހިރާއި، ބަގިޔާއާއި ރޮދިގަނޑުގެ ފަށްތަކެއް، ފަށަކާ ޖެހި ފަށެއް ހަރުކޮށްފައި ހުންނަ ފޮތިގަނޑެވެ. މިފޮތިގަނޑުގައިވާ ހިރާއި ބަގިޔާއާއި ރޮދިގަނޑަކީ އެކި ކުލައިގެ ފަށުއްވާއި، ކަސަބު ބާދަލާއިން ގަތާފައިވާ އެއްޗެއް.

ރާއްޖޭގެ ބައެއް ހިސާބުތަކުގައި ލިބާހުގެ ކަރު ކަނޑާފައި ހުންނަ ސިފައަށް ވަކި ފޮތިގަނޑެއް ތައްޔާރުކޮށް އޭގައި ބޯވަޅުއެޅުމުގެ ބަދަލުގައި ކަރުކަނޑާފައި ހުންނަ ލިބާހުގައި މި ބޯވަޅު އަޅައެވެ. މިފަދަ ބުރަ މަސައްކަތެއް މިކަމަށް ކުރަންޖެހޭއިރު، ފަހުގެ ޖީލުތަކަށް މި މަސައްކަތް ދަސްކޮށްދިނުމުގެ މަސައްކަތްކުރާ ބަޔަކުވެސް ތިބިކަން ފާހަގަކޮށްލެވެއެވެ.  

ގދ.ތިނަދޫއަށް އުފަން ޢާއިޝަތު އިބްރާހީމަކީ ކަސަބު ބޯވަޅު އެޅި ލިބާސް ތައްޔާރުކުރުމުގައި 20 އަހަރަށްވުރެ ގިނަ ދުވަސްވީ މީހެކެވެ. ކުޑައިރު، މަންމަ މިމަސައްކަތް ކުރާތަން ފެނިގެން މަސައްކަތް ދަސްކުރި ޢާއިޝަތު އިބްރާހީމް ބުނީ މި މަސައްކަތް ފެށުނީ އޭނާގެ ދަރިން ކުޑައިރު، އެކުދިންނަށް ދިވެހި ލިބާސް ފަހައިދޭން މަސައްކަތް ފެށި ހިސާބުންކަމަށެވެ. 

އެހާހިސާބުން ތިމާގެ ކުދިންނާއި ރަޙްމަތެރިންގެ އެދުމަށް ހެދުންތައް ފަހާދެމުން ގޮސް، އަމިއްލަ ދަރިންނަށާއި ތިމާގެ ކުދިންނަށް މި މަސައްކަތް ދަސްކޮށްދިނުމުގެ މަސައްކަތްފެށިއެވެ. މިކަމުގައި އަމިއްލަ ދަރިން މި މަސައްކަތްކުރުން އެއީ ޢާއިޝަތު އިބްރާހީމް އެންމެ އުފާވާކަންތަކެވެ. 

އުފަންރަށުގައި މި މަސައްކަތްކުރިނަމަވެސް، މިހާރު ދިރިއުޅުން މާލެބަދަލުވުމާއި އެކު މި މަސައްކަތް ދަސްކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް، ޢާއިޝަތު އިބްރާހިމް ދަނީ ކުރު ކޯސްތަކެއް ހިންގަމުންނެވެ. ކަސަބު ބާދަލާއާއި ކުލަފަށުއްވާއި ރޮދި ބޭނުންކޮށްގެން ހިރާއި ބަގިޔާއާއި ރޮދިގަނޑު ގަތަނީ ގަތާފައިންނެވެ. ގަތާފައިން ގެތުމަށްފަހު، ހެދުމުގައި ބޯވަޅު އަޅަނީ،  އަތުންފަހާ ތިނޯހުން ރޮދިލައްވައިގެންނެވެ. 

މި ކަވި މަސައްކަތް ދަސްކޮށްދިނުމުގެ ޚިޔާލު އައީ ޢާއިޝަތު އިބްރާހިމްގެ ދަރިއެއްގެ ފަރާތުންކަމަށް އޭނާ ބުންޏެވެ. މިއީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ އަގުހުރި މަސައްކަތަކަށްވާއިރު، މިކަންތައް އުވިގެން ދިޔަ ނުދިނުމަކީ ޢާއިޝަތު އިބްރާހިމްގެ އެންމެ ބޮޑު އަމާޒެވެ. އެހެންކަމުން މި މަސައްކަތް ދަސްކުރަން ބޭނުންވާ ކޮންމެ މީހަކަށް ޢާއިޝަތު އިބްރާހީމްގެ ފުރިހަމަ އެހީތެރިކަން ލިބިގެންދާނެކަމަށް އޭނާބުންޏެވެ. 

ޒަމާނަށް އައި ބަދަލާއެކު ދިވެހިލިބާހަކީ ޢާންމުކޮށް ލައިއުޅޭ ހެދުމަކަށް މިހާރު ނުވިޔަސް ޚާއްސަ އެކި އެކި މުނާސަބަތުތަކަށް މި ހެދުމަކީ އަދިވެސް ވަރަށް ބޭނުންތެރި މުހިންމު ހެދުމެކެވެ.